އިޓާލިއަން ސެރީއާގައި އެންމެފަހުގެ ޗެމްޕިއަން އޭސީ މިލާނާއި ސަލެރްނިޓާނާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ.
މިލާންގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މިލާނުންނެވެ. ނަމަވެސް ސަލެރްނިޓާނާއިން ޑިފެންޑް ކުރަމުންދިޔަލެއް ވަރުގަދަ ކަމުން މިލާނަށް އެޓީމްގެ ޑިފެންސް ފޫއަޅުވާލުމުގައި ދަތިތަކާއި މިމެޗްގައި ކުރިމަތިވިއެވެ. މިމެޗްގައި މިލާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ އިތުބާރު ފޯވަޑް އޮލިވަރ ޖީރޫއެވެ. މިލަނޑައެކު އެދަވަނ ހާފްގައި މިލާންގެ ކުޅުން އިތުރަށް ރަނގަޅުވެގެންދާނެކަމަށް ހީވި ނަމަވެސް ދެވަނަ ހާފްގައި ސަލެރްނިޓާނާއިންވަނީ ކުޅުން ރަނގަޅު ކޮށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިމެޗްގައި ސަލެރްނިޓާނާއިން ކާމިޔާބުކުރި ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ބޮއުލާޔޭ ޑިއާއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.
މިމެޗް އެއްވަރު ވުމުން މިލާން މިހާރު އުޅެނީ 26 މެޗުން ލިބިފައިވާ 48 ޕޮއިންޓައެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ސަލެރްނިޓާނާ އުޅެނީ 26 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.