ޚަބަރު

ބޯހިމެނުމުގެ ބައެއް މައުލޫމާތުތައް މިމަހުގެ 30ގައި އާއްމުކުރަނީ


މިމަހުގެ 30 ވަނަ ދުވަހު ބޯހިމެނުމުގެ ނަތިޖާ އާއްމުކުރުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނިންމަވައިފިއެވެ.

8 އަހަރަށްފަހު ރާއްޖޭގައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޫބަރުމަހާއި ހަމައަށެވެ.

ބޯހިމެނުމުގައި އެއްކުރި މަޢުލޫމާތު އާއްމުކުރާ ދުވަސް ކަނޑައަޅާ ނެރުނު ބަޔާނެއްގައި ސްޓެޓިސްޓިކް ބިއުރޯއިން ވިދާޅުވީ މިމަހުގެ 30 ވަނަ ދުވަހު އާއްމުކުރާ މަޢުލޫމާތުތަކަކީ ފުރަތަމަ ފަހަރަށް އާއްމުކުރާ މަޢުލޫމާތުކަމުން، ފުރަތަމަ އާއްމުކުރުމަށް ނިންމާފައިވަނީ އިދާރީ ރަށްރަށުގެ ފެންވަރުގައި އެއްކުރެވުނު މަޢުލޫމާތުތައްކަމަށެވެ. މިގޮތުން އެރަށެއްގައި އުޅޭ ދިވެހިންގެ އަދަދާއި ބިދޭސިންގެ އަދަދާއި ޖިންސާއި އުމުރުފުރައިގެ މަޢުލޫމާތުތައް އާއްމުކުރުމަށް ވަނީ ނިންމާފައެވެ. އަދި ގޭބިސީތަކުގެ އަދަދާޢި އެވްރެޖްކޮށް ގޭބިސީއެއްގައި އުޅޭ މީހުންގެ އަދަދު ހާމަކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް އިމާރާތްތަކާއި މީހުން ނިދާ، ދިރިއުޅޭ ތަންތަނާއި ލޭބަރ ކުއަރޓާޒްތަކާއި މަސައްކަތް ހިނގާ ތަންތަނުގެ މަޢުލޫމާތުތައް ހާމަކުރާނެކަމަށްވެސް އެ ބިއުރޯއިން ވިދާޅުވެއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވީ ބޯހިމެނުމުގެ ޑޭޓާގެ ކޯޑްކުރުމުގެ މަސައްކަތާއި އެކި ދާއިރާތަކުން ނަގާފައިވާ ތަފްސީލް މަޢުލޫމާތު ވެލިޑޭޓްކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. އަދި އިތުރު ދާއިރާތަކުގެ ނަތީޖާތައް ހާމަކުރާނެ ތާރީޚުތައް އާއްމުކޮށް އަންގަމުން ގެންދާނެކަމަށްވެސް އެ ބިއުރޯއިން ވދާޅުވެއެވެ

އެ ބިއުރޯގެ އަމާޒަކީ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ވީހާވެސް ފުޅާދާއިރާއެއްގައި ހާމަކޮށް ތަފާސް ހިސާބުގެ އަލީގައި ކަންކަން ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވެއެވެ.

ބޯހިމެނުމުގެ މަސައްކަތަކީ ކޮންމެ 10 އަހަރަކުން އެއް އަހަރު ޤައުމުގެ ޙާލަތު ވަޒަންކޮށް ކުރިމަގުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ޕްލޭންކުރުމަށް މަގުފަހިކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ޤައުމީ ތަރައްޤީގެ މަސައްކަތެކެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރުގެ ބޯހިމެނުމުގައި ވިޔަފާރިތަކާއި މަސައްކަތްކުރާ އިދާރާތަކުގެ މަޢުލޫމާތުވެސް ވަނީ އެއްކޮށްފައެވެ.