ޚަބަރު

ސްޓެލްކޯ ކައިރިން އަމީނީމަގުން ހުޅަނގަށް ދުއްވޭގޮތަށް ގާއަތުރައި ހުޅުވާލަނީ


ސްޓެލްކޯގެ އިމާރާތާއި ޖެހިގެން ހުޅަނގަށް އޮންނަ މަގަށް ވެހިކަލްތަކަށް ވަދެވޭ ގޮތް ހެދުމަށްޓަކައި، ވަގުތީ ގޮތުން މިއަދު އެ މަގުގައި ގާ އަތުރަން ފަށައިފިއެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވީ އަމީނީ މަގާއި ދޮންއަދަރާދާ ހިނގުން ގުޅޭ ކަންމަތިން މިހާރު ވެހިކަލަށް ދަތުރު ނުކުރެވޭތީ، އެ ސަރަހައްދުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވެ ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ވަގުތީ ގޮތުން އެ ދެ މަގު ގުޅޭ ކަންމަތީގައި މިހާރު ގާ އަތުރަމުން އަންނަ ކަމަށާއި މިރޭ ނުވަތަ މާދަމާގެ ވަގުތެއްގައި ބޭނުން ކުރަން ފެށޭނެކަމަށް އާރުޑީސީން ބުނެއެވެ.

އާރުޑީސީން ބުނީ އެ ސަރަޙައްދުގައި ތާރުއަޅަން ތައްޔާރުވުމުން ގައުތައް ނަގާނެކަމަށެވެ.

އަމީނީ މަގުގެ އެންމެ އިރުން ފަށައިގެން ސްޓެލްކޯ އިމާރާތާ ހިސާބަށް ތާރު އަޅައި އެ ސަރަހައްދު މިހާރު އޮތީ އާންމުންނަށް ހުޅުވާލައިފައެވެ. އަދި މަގުގެ ބަކީ ބައި ހެދުމަށްޓަކައި މިހާރު އޮތީ ފުރުގާން މިސްކިތާ ހަމަށް އެ މަގު ބަންދުކޮށްފައެވެ. މިގޮތުން މިހާރު ސެގްމަންޓް 5 ގައި ކުރިއަށް ދަނީ ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްތަކެވެ. އަދި ސެގްމަންޓް 4 ގައި ދުވާރުގެ މައިގަނޑު މަސައްކަތްތައްވަނީ ނިންމާލާފައެވެ.

މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މަގު ހެދުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މިއީ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.