ކުޅިވަރު

ސްޕޯޓްސް އެވޯޑްސްގެ ޚާއްސަ މެހުމާނުން ރާއްޖެއަށް


އަންނަ ބުރާސްފަތި ދުވަހުގެރޭ ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 ގެ ހަފުލާގައި ބައިވެރިވާ ޚާއްސަ މެހުމާނުން ރާއްޖެ އަންނަން ފަށައިފިއެވެ.

ސްޕޯޓްސް އެވޯޑްސްގެ ޚާއްސަ މެހެމާނުން ކުޅިވަރާ ބެހޭ ވުޒާރާއިން އިއުލާންކޮށްފައިވާއިރު، މެހެމާނުން ރާއްޖެ އަންނަން ފަށާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެގޮތުން މިއަދު ހެނދުނު، އިންގްލަންޑް އަދި ލިވަޕޫލްގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ބެންޖަމިން ޖޭމްސް ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖެ އައުމަށްފަހު ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ޖޭމްސް ބުނީ، ރާއްޖެއިން ކުޅިވަރަށް އިސްކަންދޭ މިންވަރު ފެނިގެން ގޮސްފި ކަމަށާއި، އަދި ކުޅުންތެރިންގެ މަސައްކަތް ފާހަގަ ކުރުމަށް ބާއްވާ ސްޕޯޓްސް އެވޯޑްސްއަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރާއެކު ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް ބުންޏެވެ.

މިއަދު މެންދުރު ރާއްޖެ އައި ސްޕެޝަލް އެތުލީޓް މާލޫ ވެން ރައިން ބުނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަށް ދައުވަތު ލިބުމަކީ އޭނާއަށް ލިބުނު ފަޚުރެއް ކަމަށެވެ. އަދި ރާއްޖޭގެ އެތުލީޓުންގެ ގާބިލުކަން ބަލާލުމަށް ކެތްމަދުވެފައިވާ ކަމަށްވެސް ބުންޏެވެ.

މި އެވޯޑްސްގައި ބައިވެރިވުމަށް އިޓަލީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ފަބިއޯ ކަނަވާރޯވެސް ވަނީ މިއަދު މެންދުރުފަހު ރާއްޖެ އައިސްފައެވެ. ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ކަނަވާރޯ ބުނީ އޭޝިއާގެ ފުޓްބޯޅަ ވަރަށް ރަނގަޅަށް ދަންނަ ކަމަށާއި، ރާއްޖޭގައި މޯލްޑިވްސް ސްޕޯޓްސް އެވޯޑެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މި ފަހަރުގެ އެވޯޑްސްގައި ކަނަވާރޯ ބައިވެރިވާއިރު، އޭނާ އަކީ އިޓަލީއަށް 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ލެޖެންޑަރީ ޑިފެންޑަރެކެވެ. މީގެ އިތުރުން ކަނަވާރޯ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑުވެސް ހާސިލުކޮށްފައެވެ.

ދެން، ސްޕޯޓްސް އެވޯޑްސްއަށް އަންނަ މެހެމާނުންނަށް ބަލާއިރު، މަޝްހޫރު ކްލަބްތަކުން ފެނުނު ނައިޖީރިއާގެ ފޯވާޑް ންވަކްވޯ ކާނޫ އާއި ކްރިކެޓްގެ ތާރީހީ ރެކޯޑްތަކެއް ހޯލްޑް ކުރާ ބެޓްސްމަން، ބްރަޔާން ލާރާވެސް ހިމެނެއެވެ.