ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ފައިނަލުން، ލ. ގަން އަދި ގދ. ވާދޫން ޖާގަ ހޯދައިފިއެވެ.
އަންގާރަ ދުވަހުގެރޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ރ. އިނގުރައިދޫގެ މައްޗަށް ގަމުން ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ގަމުން ގިނަ އެޓޭކުތަކެއް އިނގުރައިދޫގެ ގޯލާ އަމާޒުކޮށް ފޮނުވާލިއިރު، ގަމުގެ އެޓޭކުތައް ހުއްޓުވުމުގައި އިނގުރައިދޫގެ ކީޕަރު އަޙްމަދު އިހުސާން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހުކޮޅު އަބްދުﷲ ޖުނައިދު (ޖެންނޭ) ވަނީ ލަނޑު ޖަހާ ގަމަށް ލީޑު ނަގާދީފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ގަމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ވަނީ އިތުރު ލަނޑެއް ޖަހާ ގަމަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު ގަމުން ދެވަނަ ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވަނީސް އިނގުރައިދޫގެ އަޙުމަދު އައިހަމް ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. އެކަމަކު އިނގުރައިދޫން ކުރިއަށްޖެހިލި ވަގުތު ލިބުނު ކައުންޓާ އެޓޭކުގައި ގަމުން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. މި ދެ ލަނޑު ޖަހާދިނީ ޖެންނޭ އާއި އަލީ ޝާމިސް (ތޮއްޕެ)އެވެ.
ރޭ ކުޅުނު ދެވަނަ ސެމީގައި ކުޑަހުވަދޫގެ މައްޗަށް ވާދޫން ކުރިހޯދީ ޕެނަލްޓީގައި 8-9 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 4-4 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ކުޑަހުވަދޫން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިރުފާން އާދަމް ނަސީރެވެ. އެކަމަކު އޭގެ ކުޑައިރުކޮޅެއް ފަހުން ވާދޫގެ ނަޝާހު އަޙްމަދު (ނައްޓު) ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި މި މެޗުގައި ވާދޫގެ މުޙައްމަދު އިޔާދު އަލީ ވަނީ ހެޓްރިކެއް ހަދާފައެވެ. އޭނާ ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގައިވެސް ހެޓްރިކް ހަދާފައެވެ.
ކުޑަހުވަދޫން މި މެޗުގައި ޖެހި ފަހު ލަނޑުތައް ޖަހާދިނީ މާޔިޒް ވަހީދު އާއި ކެޕްޓަން ޖުމައިލް ޖަމީލް (ޖުމްބެ)އެވެ.
ޕެނަލްޓީގައި ވާދޫން ވަނީ ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ. އެކަމަކު ކުޑަހުވަދޫގެ އަޔާޒް އަޙްމަދު ފޮނުވާލި ޕެނަލްޓީ ވާދޫގެ ކީޕަރު ޒައިދާން އަޙްމަދު ވަނީ މަތަކޮށްފައެވެ.
މިއީ ކުޑަހުވަދޫ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުން ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި އެ ޓީމުން ބަލިވީ، އެ ފަހަރުގެ ޗެމްޕިއަން ތިމަރަފުށި އަތުންނެވެ.
މިއީ ވާދޫން ގޯލްޑަން ފުޓްސެލް ޗެލެންޖުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ގަމުން ވަނީ މީގެ ކުރިން 2018 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ކުޅެފައެވެ. އެ ފަހަރު ފައިނަލުން ގަން ބަލިވީ މާފަންނު އަތުންނެވެ.