ކުޅިވަރު

ޒުވާން ފުޓްބޯޅަ ތަރި އިލާން ޔޫއޭއީގެ އަލް އައިންއަށް


ރާއްޖޭގެ ފުޓްބޯޅައިގެ އަރަމުން އަންނަ ރަން ޖީލުގެ ކުޅުންތެރިންތަކުގެ ތެރޭގައި ހިމެނޭ މުޙައްމަދު އިލާން އިމްރާން، ޔޫއޭއީގެ ބޮޑު ކުލަބެއް ކަމަށްވާ އަލް އައިންގެ ޔޫތު ޓީމުގެ ޓްރަޔަލްއަކަށް އެ ގައުމަށް ފުރައިފިއެވެ.

އިލާން އަށް މި ފުރުސަތު ލިބުނުކަން ހާމަކޮށްދެއްވީ ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އުމުރުން 13 އަހަރުގެ އިލާންގެ ކުޅުން ވަޒަންކުރުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ޗެލެންޖް ކަޕުގައި ދައްކާ ކުޅުމަށް ބެލުމަށްފަހު އެވެ. އަދި ކުޅުން ރަނގަޅު ނަމަ އެ ކުލަބުގެ ޔޫތު ކޮންޓްރެކްޓެއް އިލާން އަށް ލިބޭނެއެވެ.

އިލާން ވަނީ ނިމިދިޔަ 15 އަހަރުންދަށުގެ އިންޓަސްކޫލް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިސްކަންދަރު ސްކޫލުގެ ޓީމަށް 38 ލަނޑު ޖަހާފައެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދީ އޭނާ އެވެ. އޭނާ ވަނީ ފައިނަލް މެޗުގައި ފަސް ލަނޑު ޖަހާފައެވެ.

އިންޓަސްކޫލުގެ އިތުރުން މިދިޔަ އަހަރު ބޭއްވި 14 އަހަރުންދަށުގެ ޔޫތު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުލަބު ވެލެންސިއާގެ ޓީމަށްވެސް އިލާން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެ ޓީމު ކުޅުނު 8 މެޗުގައި އިލާން ވަނީ 35 ލަނޑު ޖަހާފައެވެ.

އާލީ ޓަޗް ފުޓްބޯލް އެކެޑަމީ (އީޓީއެފްއޭ) އިން ފުޓުބޯޅައިގެ ފުރަތަމަ ފިޔަވަޅު އެޅި އިލާން ވަނީ ރާއްޖޭގެ ބޮޑެތި ކުލަބުތައް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބާއި ކުލަބު ވެލެންސިއާގެ ޔޫތު ޓީމަށް ކުޅެފައެވެ. އޭނާގެ އެންމެ ބޮޑު އަމާޒަކީ ޤައުމީ ލެވެލްގައި ރާއްޖެއަށް ކާމިޔާބީ ހޯދައިދިނުމެވެ.