ކުޅިވަރު

ރާއްޖެ އާއި ޕާކިސްތާނުގެ އެކުވެރިކަމުގެ މެޗު ލ. ގަމުގައި


ރާއްޖެ އާއި ޕާކިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމު މި މަހުގެ ފީފާ ދުވަސްތަކުގައި ބައްދަލުކުރާ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު ލ. ގަމުގައި ކުޅެން ނިންމައިފިއެވެ.

ޕާކިސްތާނާއި ރާއްޖެ އެންމެ ފަހުން އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. އެ ފަހަރު އެ މެޗު ކުޅުނީ މާލޭގައެވެ. އެހެންކަމުން މިއީ އޭގެ 10 އަހަރު ފަހުން ދެ ގައުމުން އެކުވެރިކަމުގެ މެޗެއްގައި ކުރިމަތިލާ ފުރަތަމަ ފަހަރެވެ.

މި މަހުގެ 21 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ލ. ގަމުގައި ކުޅެން ނިންމާފައިވާކަން އިއުލާން ކުރައްވައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މެޗު ގަމުގައި ކުޅެން ނިންމީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފުގެ އެދުމުގެ މަތިން ކަމަށެވެ.

އެހެންކަމުން މިއީ ރާއްޖޭގެ ގައުމީ ޓީމުން އަތޮޅުތެރޭގެ ރަށެއްގައި ކުޅޭނެ ބައިނަލްއަގުވާމީ ފުރަތަމަ މެޗެވެ. އަދި މިއީ އައްޑޫ ފިޔަވައި އަތޮޅުތެރޭގައި ބައިނަލްއަގުވާމީ ފެންވަރުގެ މެޗެއް ކުޅޭނެ ފުރަތަމަ ފަހަރެވެ. ގަން ޒޯން ސްޓޭޑިއަމުގައި މި މެޗު ކުޅޭއިރު، 2021 ވަނަ އަހަރު މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ވަނީ އެ ދަނޑުގައި ބައިނަލްއަގުވާމީ މެޗެއް ކުޅޭނެކަން އެ ފަހަރު އިއުލާން ކުރައްވާފައެވެ.

ރާއްޖެއިން މި މެޗަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ވަރަށް އަވަހަށް ފަށަން ނިންމާފައިވާއިރު، ޕާކިސްތާނުން އަންނަނީ މިދިޔަ މަހުން ފެށިގެން މި މެޗަށް ތައްޔާރުވަމުން ކަމަށް އެ ގައުމުގެ ރިޕޯޓުތައް ބުނެއެވެ. ޕާކިސްތާނުގެ ފުޓުބޯޅަ ވަޅުޖެހި ގިނަ އަހަރުތަކެއް ވޭތުކުރަން ޖެހުނީ ފީފާ ސަސްޕެންޝަންގެ ސަބަބުންނެވެ. އެއީ ސިޔާސީ ނުފޫޒު އެސޯސިއޭޝަނަށް ފޯރުމުގެ މަސައްކަތްކުރުމުން ކަމަށް އޭރު ފީފާއިން ބުނެއެވެ. އަންނަ ޖޫންމަހު އިންޑިއާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ވެސް ޕާކިސްތާނުން ވާދަކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.