ޚަބަރު

ރަމަޟާންމަހު އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތައް ދޭ ގަޑިތަކަށް ބަދަލުތަކެއް


ކުރިއަށްއޮތް ރަމަޟާންމަހު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްއިން ބައެއް ޚިދުމަތްތައް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

އައި.ޖީ.އެމް.އެޗްއިން ވިދާޅުވީ، 1444 ވަނަ އަހަރުގެ ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ހޮސްޕިޓަލުގެ ބައެއް ޑިމާޕްމަންޓްތަކުން ޚިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުގެނެސްފައިވާކަމަށެވެ. އެގޮތުން ސްޕެޝަލިސްޓް އޯޕީޑީ ކޮންސަލްޓޭޝަންގެ ޚިދުމަތް ރަމަޟާންމަހު ލިބޭނީ ހެނދުނު 9 އިން ހަވީރު 4 ޖެހުމާއި ހަމައަށެވެ.

ލެބޯޓްރީގެ ޚިދުމަތްތަކަށް ބަލާއިރު ޓެސްޓުތައް ހެދުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު 5 ޖެހުމާއި ހަމައަށެވެ. އަދި ކައިގެން ދެގަޑިއިރުފަހުން ހަދާ ލޭގެ ޓެސްޓުތައް ހެދުން ރަމަޟާންމަހު ކުރިއަށްދާނީ ރޭގަނޑު 8 އިން 10 ދެމެދުކަމަށް އައި.ޖީ.އެމް.އެޗްއިން ވިދާޅުވެއެވެ.

މި ރަމަޟާންމަހު ޚިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުގެނެވުނު އަނެއް ޑިޕާޓްމަންޓަކީ އައި.ޖީ.އެމް.އެޗްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓެވެ. އެގޮތުން އަލްޓްރާސައުންޑް ސްކޭން ހެދުމާއި ސީޓީ ސްކޭން ހެދުން ކުރިއަށްދާނީ ހެނދުނު 9 އިން މެންދުރުފަހު 3 އަކާއި ހަމައަށެވެ. އެކްސްރޭ ނަގައިދިނުން ކުރިއަށްދާނީ ހެނދުނު 8 އިން މެންދުރުފަހު 3:30 އަށެވެ. އެމް.އާރް.އައި ހެދުމުގެ ޚިދުމަތް ފޯރުކޮށްދޭނީ ހެނދުނު 8 އިން ރޭގަނޑު 9 އަކަށެވެ.

އީ.ސީ.ޖީ ހެދުން ހެނދުނު 8:30 އިން މެންދުރު 2:30 އަށް، އަދި ޕިޒިއޯތެރަޕީގެ ޚިދުމަތް ހެނދުނު 8 އިން މެންދުރު 2:30 ލިބޭނެކަމަށް އައި.ޖީ.އެމް.އެޗްއިން ވިދާޅުވެއެވެ.

މިގޮތަށް ހަމަޖައްސާފައިވީނަމަވެސް، ޓްރޯމާ އެންޑް އިމަރޖެންސީގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.