ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ކްއާތަރ ފައިނަލުން ރެއާލް ޖާގަހޯދީ ދެވަނަ ބުރުގައި ލިވަޕޫލާއި ބައްދަލުކޮށް 6-2 ގެ އެގްރިގެޓް ނަތީޖާއަކުންނެވެ.
މި ދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް 5 ލަނޑު 2ލަނޑުން ލިވަޕޫލްގެ ދަނޑުގައި ކުޅެ ރެއާލް ކާމިޔާބުކުރިއިރު ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗް ރެއާލް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މިމެޗަށް ލިވަޕޫލުން ނިކުނީ ފުރަތަމަ މެޗްގައި އޮތް ތިން ލަނޑުގެ ފަރަގު ނައްތާލާ ރޭގެ މެޗް ކާމިޔާބުކޮށް ކްއާޓަރ ފައިނަލުން ޖާގަހޯދުމަށް އޮތް ހަނިފުރުސަތު ހަގީގަތަކަށް ހެދޭތޯއެވެ. މިގޮތުން މިމެޗަށް އެޓީމުން ނިކުތީ ކުރިއަށް ކުޅޭ ހަތަރު ކުޅުންތެރިންނާއެކުއެވެ. މިމެޗްގެ ކުރީކޮޅު ދެޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ތަނަވަސްވެސް ކޮށްފައެވެ. ނަމަވެސް މިއއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއްނުވިއެވެ. މިމެޗްގައި ރެއާލް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާދިނީ ކެޕްޓަން ކަރިމް ބެންޒީމާއެވެ. ނަމަވެސް މިލަނޑާއެކު އޭނާއަށް އަނިޔާވެ ދަނޑުން ބާލަން ޖެހުނެވެ.
މިކާމިޔާބީއާއެކު ރެއާލް މިހާރު މިވަނީ މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޖާގަލިބިގެން ގޮސްފައެވެ. އަދި މިއީ މިއަންނަ ހަފްތާ ބަންދުގައި ބާސެލޯނާ އާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ އެލް ކްލެސިކޯއާއި ކުރިމަތިލާއިރު އެޓީމަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ. އަދި ބެންޒީމާ އަނިޔާވެގެން ބޭލި ނަމަވެސް ބާރސާ މެޗަށް ފިޓްވާނެކަމަށްވެސް މައުލޫމާތުލިބެއެވެ.