ޔޫރަޕިއަން ޗެމްޕިއަންޝިޕް ކޮލިފައިންގައި މި މަހުގެ ފަހުކޮޅު ކުޅެންޖެހޭ މެޗަށް ސްވިޑެންއިން އެކުލަވާލި ސްކޮޑުގައި އުމުރުން 41 އަހަރުވީ ޒްލަޓާން އިބްރަހިމޮވިޗް ހިމަނައިފިއެވެ.
އޭނާ މިފަހަރުގެ ސްކޮޑްގައި ހިމަނައިފާ މިވަނީ އޭނާ ޤައުމީ ޓީމަށް އެންމެފަހުން މެޗެއް ކުޅުނުތާ އެއް އަހަރު ފަހުންނެވެ.
ޔޫރޯ ކޮލިފައިންގައި ސްވިޑްން މިމަހުގެ ފަހު ކޮޅު ކުޅުމަށް ހަމަޖެހިފައިވަނީ ބެލްޖިއަމް އާއި އަޒަރްބައިޖާނާއި ދެކޮޅަށެވެ. މިސީޒަންގެ ބޮޑުބައިގާ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި އިބްރަހިމޮވިޗް އެނބުރި ކުޅުމުގެ ތެރެއަށް އައިސްފައިވަނީ ވަރަށް ފަހުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމުގެ ސަބަބުން އެންމެ ފުރިހަމަ ގޮތުގައި މިލާންގެ މެޗްގައި އޭނާއަށް އަދި ބައިވެރިވެވޭތަނެއް ނުފެނެއެވެ. އިބްރަހިމޮވިޗްވަނީ 2016 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފައެވެ. ނަމަވެސް 2021 ވަނަ އަހަރު އަނެއްކާވަނީ ޤައުމީ ޓީމަށް އަލުން ކުޅެން ފަށާފައެވެ. ސްވިޑްންގެ ކޯޗް ޔާން އެންދަރސަން ހާމަކުރިގޮތުގައި އިބްރަހިމޮވިޗްއަކީ އޭނާގެ ފުރަތަމަ އެގާރައިގާ ހިމެނޭނެ ކުޅުން ތެރިއެއް ނޫން ކަމަށާއި ނަމަވެސް އެއީ ބަދަލު ކުޅުންތެރިންނަށް ބަލާލާއިރު އިތުރު އޮޕްޝަނަކަށް ވެގެންދާނެކަމަށެވެ. މިއީޒަންގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މިލާންއަށް ތިން މެޗް ކުލެދީފައިވާ އިބްރަހިމޮވިޗް އެންމެފަހުން ސްވިޑްން ޓީމަށް ކުޅެފައިވަނީ ވާރލްޑް ކަޕް ކޮލިފައިންގ ޕްލޭ އޮފްގައި ޕޯލަންޑާއި ދެކޮޅަށް މިދިޔަ އަހަރު ކުޅުނު މެޗްގައެވެ.
ޔޫރަޕްގެ ފާހަގަ ކޮށްލެވޭ ނޮޑެތި ކްލަބްތަކަކަށް ކުޅެ ގިނަ ތަޖްރިބާތަކެއް ހޯދާފައިވާ ފާހަގަ ކޮށްލެވޭ އިބްރަހިމިވިޗްއަކީ ސްވިޑްން ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އޭނާވަނީ 121 މެޗްގައި 62 ލަނޑު ސްވިޑްން ޤައުމީ ޓީމަށް ކާމިޔާބުކޮށްދީފައެވެ.