ދުނިޔޭގެ ވިޔަފާރި

ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ކުރި ގިނަ ޑިވައިސްތައް ވާވޭ އިން ބަދަލުކޮށްފި


އެމެރިކާގެ ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ކުރި ޑިވައިސްތަކުގެ ތެރެއިން 13000 އަށް ވުރެ ގިނަ ޑިވައިސްތައް ބަދަލުކޮށްފައިވާކަމަށް ޗައިނާގެ ޓެކްނޮލޮޖީ ކުންފުނި ވާވޭގެ ބާނީ ރެން ޒެންގްފޭ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޝަންހާއީ ޖިއާއޯ ޓޮންގް ޔުނިވާސިޓީގައި ދެއްކެވި ވާހަކަފުޅުގައި ރެން ވިދާޅުވި ގޮތުގައި ފާއިތުވި 3 އަހަރު ތެރޭގައި ވާވޭއިން ވަނީ 13،000 ކޮމްޕޯނެންޓް ބަދަލުކޮށް، ޗައިނާގެ އުފެއްދުންތަކަށް 4،000 ސާކިއުޓް ބޯޑު އަލުން ޑިޒައިންކޮށްފައެވެ.

ރެން މިހެން ވިދާޅުވީ، ފެބްރުއަރީ 24 ވަނަ ދުވަހު ޗައިނާގެ ޓެކްނޮލޮޖީގެ ތަޖުރިބާކާރުންނާއި ވާހަކަދައްކަވަމުންކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ. ރެންގެ މި ވާހަކަފުޅުގެ ޓްރާންސްކްރިޕްޓެއް ހުކުރު ދުވަހު އެ ޔުނިވަރސިޓީން ވަނީ އާންމުކޮށްފައެވެ. މިކަމާއި ގުޅިގެން އެމެރިކާގައި ހުންނަ ވާވޭ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރެން ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ވާވޭއިން ރިސަރޗް އެންޑް ޑިވެލޮޕްމަންޓަށް 23.8 ބިލިއަން އެމެރިކާ ޑޮލަރު ވަނީ އިންވެސްޓްކޮށްފައެވެ. މީގެއިތުރުން އެ ކުންފުނިން ވަނީ މެޓާއިއާރްޕީގެ ނަމުގައި އަމިއްލައަށް އެންޓަޕްރައިސް ރިސޯސް ޕްލޭނިން ސިސްޓަމެއް ހަދާފައި ކަމަށްވެސް ރެން ވިދާޅުވިއެވެ.

އޭޕްރީލް މަހު ލޯންޗުކުރާ މި ސިސްޓަމުން މާލީ، ސަޕްލައި ޗޭން އަދި އުފެއްދުންތެރިކަމުގެ އޮޕަރޭޝަންތައް ހިމެނޭ ގޮތަށް ވިޔަފާރީގެ މައިގަނޑު މަސައްކަތްތައް ހިންގުމަށް އެހީތެރިވެދޭނެއެވެ.

2019 ވަނަ އަހަރުން ފެށިގެން 5ޖީ ޓެލެކޮމިއުނިކޭޝަން ނެޓްވޯކްތަކުގައި ބޭނުންކުރާ އިކުއިޕްމަންޓްތައް ސަޕްލައިކުރާ ބޮޑު ކުންފުންޏެއް ކަމަށްވާ، ވާވޭ އަކީ އެމެރިކާގެ އެކްސްޕޯޓް ކޮންޓްރޯލްކުރުމުގެ އެންމެ ބޮޑު އެއް އަމާޒެވެ.

އެމެރިކާ އިން މިގޮތަށް ފިޔަވަޅު އަޅައި ކޮންޓްރޯލު ކުރުމުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކުން ޗިޕް ހޯދުމާއި، އަމިއްލަ ޗިޕްތައް ޑިޒައިންކުރުމަށް އެމެރިކާގެ ޓެކް ކުންފުނިތަކާއި ގުޅުން ބޭއްވުމުގެ އިތުރުން އެތަކެތި އުފެއްދުންވެސް ވާވޭ އަށް ވަނީ މަނާވެފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި މިދިޔަ އަހަރު ވަނީ އެމެރިކާގައި ވާވޭގެ އުފެއްދުންތައް ވިއްކުން ވެސް މަނާކޮށްފައެވެ.