ދުނިޔޭގެ ވިޔަފާރި

ކެނެޑާގެ އިންފްލޭޝަން ފެބްރުއަރީމަހު ލަފާކުރިވަރަށް ވުރެ ދަށަށް


ކެނެޑާގެ އިންފްލޭޝަން ފެބްރުއަރީމަހު ލަފާކުރި ވަރަށް ވުރެ ދަށްވެއްޖެކަމަށް އަންގާރަ ދުވަހު އާންމުކޮށްފައިވާ ސްޓެޓިސްޓިކް ކެނެޑާގެ ހިސާބުތަކުން ދައްކައިފިއެވެ.

މިއީ ވޭތުވެދިޔަ 13 މަސް ދުވަހުގެ ތެރޭގައި ކެނެޑާގެ އިންފްލޭޝަން ރޭޓު އެންމެ ދަށްވި މަހެވެ.

ސްޓެޓިސްޓިކްސް ކެނެޑާއިން ބުނި ގޮތުގައި ޖެނުއަރީމަހު އިންފްލޭޝަން ރޭޓު %5.9 ގައި ހުރިއިރު ފެބްރުއަރީމަހުގެ އިންފްލޭޝަން ރޭޓް ވަނީ %5.2 އަށް ދަށްވެފައެވެ. މިއީ ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ ތެރޭގައި އެއް މަސް ދުވަހުގެ އެންމެ ބޮޑު ދަށްވުންކަމަށް ސްޓެޓިސްޓިކްސް ކެނެޑާއިން ބުނެއެވެ. އަދި މިއީ ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވާ މިންވަރު ކަމަށްވާ، %5.4 އަށް ވުރެ ދަށް އަދަދެކެވެ.

ކާބޯތަކެއްޗާއި ހަކަތަ ނުހިމަނައި، އެހެނިހެން ތަކެތީގެ އަގުތައް މިދިޔަމަހު ވަނީ %4.8 އަށް އުފުލިފައެވެ. މިތަކެތީގެ އަގުތައް ޖެނުއަރީމަހު ވަނީ %4.9 އަށް އުފުލިފައެވެ.

މިއާއިއެކު ބޭންކް އޮފް ކެނެޑާ އިން ވަނީ އެބޭންކުގެ އިންޓަރެސްޓު ރޭޓަށް އެއްވެސް ބަދަލެއް ނުގެނެސް މަޑުޖައްސާލާފައެވެ. އަދި މިއަހަރުގެ ނިޔަލަށް އިންފްލޭޝަން ރޭޓު %2 އަށް ދަށްވެއްޖެނަމަ އިންޓަރެސްޓު ރޭޓު އިތުރަށް މަތި ނުކުރާނެ ކަމަށްވެސް ބޭންކް އޮފް ކެނެޑާއިން ވަނީ ބުނެފައެވެ.

އަންނަ މަހު 12ގައި ބާއްވާ ބޭންކުގެ ކުރިއަށް އޮތް ބައްދަލުވުމުގައި ރޭޓުތަކަށް ބަދަލު ގެންނަ ވިސްނާފައި ނެތް ނަމަވެސް މިހާރު ކުރިމަތިވެފައިވާ ބޭންކިން ހަލަބޮލިކަމުގެ ސަބަބުން އެ ބޭންކުން ދެން އަޅާނެ ފިޔަވަޅެއް ނޭގެއެވެ.