ޚަބަރު

ކަދުރު ބެހުން މިމަހުގެ 26 އިން އަންނަމަހުގެ 6އަށް


ސަޢުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު މިމަހުގެ 26 ވަނަ ދުވަހު ބެހުމަށް ނިންމައިފިއެވެ.

ސަޢުދީ ސަރުކާރުން މިއަހަރު ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިމަހުގެ 26 އިން އަންނަ އޭޕރީލް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކަދުރު ބަހަމުން ގެންދާނެކަމަށެވެ. އެގޮތުން ކަދުރު ބެހުމުގެ ކަންކަން ކުރިއަށްގެންދާނީ އިސްލާމިކް މިނިސްޓްރީގެ ލޮބީގައި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:00 އަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ކަދުރު ބަލާ އަންނައިރު އައިޑީކާޑު ހިފައިގެން އައުމަށް އިލްތިމާސްކޮށްފައެވެ. ކަދުރު ބަހަން ނިންމަފައިވަނީ 1444 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބީސީއަކަށް 1 ޕެކެޓް ކަދުރު ދޭ އުސޫލުންނެވެ. އަދި ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ބާީ ކަދުރުތައް އެހެނިހެން ގޭބީސީތަކަށް ބެހުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ކަދުރު ބަހާއިރު އަތޮޅުތެރޭގެ ރަށްރަށަށް ކަދުރުބަހާނީ ރަށު ކައުންސިލްތަކުން 2023ވަނަ އަހަރު އެ މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށްފަހު އެ ކައުންސިލްތަކުންކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ސަޢުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންނެވެ. ސަޢުދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނުގެ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ.