ޚަބަރު

ރޯދަމަހުގެ ރޭ އަޅުކަންކުރުމުގެ މާތްކަމާއި، ދަރުމަ


ރަމަޟާން މަހަކީ ބަރަކާތުން ފުރިގެންވާ މަހެވެ. ދުވާލާއި ރޭނގަނޑުވެސް ހެޔޮ ޢަމަލުތައް ކުރުމުގައި ޝާމިލުވެ އުޅުމުގެ މައްސަރެވެ. ރޯދަމަހުގެ ދުވާލުގެ އަޅުކަންތަކާއި ޚިލާފަށް ރޭ އަޅުކަންތައް އިތުރުވެފައި ގިނައެވެ.

ރޭއަޅުކަމަކީ މާތް ﷲ އެންމެ ރުއްސަވާ ހެޔޮ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ޢަމަލެކެވެ. އަދި އެއީ ﷲ އާއި ކުއްތަންވެވޭ ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. ރޭ އަޅުކަމަކީ ޢިޝާ ނަމާދު ނިންމުމަށްފަހު ފަތިސްވުމުގެ ކުރިން ކުރާ ކޮންމެ ނަމާދެކެވެ. ތަރާވީސް ނަމާދާއި އަދި ދަމުނަމާދާއި އަދި ވިތުރުއަކީ ރޭއަޅުކަމުގެ ތެރެއިން ހިމެނޭ ނަމާދުތަކެވެ.

ތަރާވީޙު ނަމާދު:

ތަރާވީޙު ނަމާދަކީ ރަމަޟާން މަހަށް ޚާއްޞަ އަޅުކަމެކެވެ. އެއީ ރަމަޟާން މަހުގެ އެންމެ ޚާއްޞަ އަދި އެމަހުގައި ރޭގަނޑުގެ އެންމެ ޚާއްޞަ އެއް ނަމްބަރުވެސްމެއެވެ. މިއީ، ގިނަ ދިވެހީން ސަމާލުކަން ދޭ އަޅުކަމެއްވެސްމެއެވެ. ތަރާވީޙު ނަމާދު ކޮންމެހެން ދިގުކޮށް ކިޔަވާ މިސްކިތެއްގައި ކުރުން މަޖުބޫރެއް ނޫނެވެ.

ކުރުކޮށް ކިޔަވާ އިމާމެއްގެ ފަހަތުގައި ކުރި ކަމުގައި ވިޔަސް މިމަތިވެރި ވެގެންވާ އަޖުރު ހާޞިލުވާނެއެވެ. އަދި ހަމައެއާއެކު ނަމާދަށް އަންނަ މީހުންގެ ޙާލަތަށް ރިޢާޔަތްކޮށް ކުރުކޮށް ކިޔެވުމަކީވެސް ފިޤުހުގެ ތެރެއިން ހިމެނޭ ކަމެކެވެ. ސަބަބަކީ ބަލިމީހުންނާއި، މުސްކުޅިންނާއި، ހާޖަތްތައް ޖެހިފައިވާ މީސްތަކުންނަށްވެސް މިމަތިވެރިވެގެންވާ ސުންނަތުގައި ބައިވެރިވެ އަޖުރު ލިބިގެންދާނެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ދަމުނަމާދު:

ދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެ ރަކުޢަތުން، ދެ ރަކުޢަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ.

މި ނަމާދަކީ ހަމައެކަނި ރަމަޟާންމަހު ނުވަތަ ރަމަޟާން މަހުގެ ފަހުދިހައިގައި ކުރާ ނަމާދެއް ނޫނެވެ. އެހެންނަމަވެސް ރަމަޟާން މަހަކީ މަތިވެރި މައްސަރަކަށްވެފައި، ރަމަޟާން މަހުގެ އަޅުކަމުގެ ސަވާބާއި ދަރުމަ އިތުރުވުމާއެކު ރަމަޟާންމަހު ދަމުނަމާދުކުރުމަށް މުސްލިމުން ދޭ ސަމާލުކަން އިތުރުކުރެއެވެ.

މިމަހުގެ އެހެން ދުވަސްތަކަށްވުރެ ހެޔޮކަންބޮޑު ލައިލަތުލްޤަދުރި ވިލޭރޭ ހިމެނެނީ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ތެރެއިން ރެއެއްކަމަށްވުމަކީވެސް ރަމަޟާން މަހުގެ ފަހުދިހައިގައި ދަމު ނަމާދުކުރުމަށް އިސްކަންދޭ ކަމެކެވެ. ލައިލަތުލްޤަދުރި ވިލޭރޭ ކުރާ އަޅުކަން އެތައްހާސް ގުނައެއް އިތުރުވެގެންދާކަމަށް ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ.

ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަން ކަނޑައެޅިގެން ބަޔާން ކުރައްވާފައި ނުވިނަމަވެސް އެރޭވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރޭގައިކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން ވަނީ ޘާބިތުވެފައެވެ. ޚާއްޞަކޮށް ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރޭގައި އެރޭވާކަމަށް އިޝާރާތް ކުރައްވާ ވިދާޅުވެފައިވާ ބަސްފުޅުތައް ވަރަށް ގިނައެވެ.