ދުނިޔޭގެ ވިޔަފާރި

ޝައޯމީ ކުންފުންޏަށް ލިބުނު އާމްދަނީ ދަށަށް!


ޗައިނާގެ ސްމާޓްފޯނު އުފައްދާ ކުންފުނި ޝައޯމީއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީ ރެކޯޑު އަދަދަކަށް ދަށްވެފައިވާކަމަށް އެ ކުންފުނިން ހުކުރު ދުވަހު ބުނެފިއެވެ.

އާމްދަނީ ދަށްވެފައި ވަނީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އާންމުން ހަރަދުކުރާ މިންވަރު ދަށްވުމުންނެވެ.

މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ޝައޯމީއަށް އާމްދަނީގެ ގޮތުގައި 66.05 ބިލިއަން ޔުއާން ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރުގެ ވިޔަފާރިއަށް ލިބުނު 85.58 ބިލިއަން ޔުއާންއަށް ވުރެ %22.8 ދަށް އަދަދެކެވެ.

މި އަދަދުތަކަކީ ދިރާސާކުރާ ފަރާތްތަކުން ލަފާކުރި ވަރަށް ވުރެ ތަންކޮޅެއް މަތީ އަދަދުތަކެއްނަމަވެސް މިއީ އެ ކުންފުނީގެ އާމްދަނީ ވިދިވިދިގެން ދަަށަށްދިޔަ ހަތަރު ވަނަ ފަހަރެވެ. އަދި މިފަހަރު ލިބުނު އާމްދަނީ ވަނީ ރެކޯޑު އަދަދަކަށް ދަށްވެފައެވެ.

މި މުއްދަތުގައި ސާފު އާމްދަނީ 1.46 ބިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައިވާއިރު، މިއީ އޭގެ ކުރީ އަހަރު ލިބުނު 4.473 ބިލިއަން ޔުއާން އަށް ވުރެ %67.3 ގެ ދަށްވުމެކެވެ.

މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ 280.04 ބިލިއަން ޔުއާން އަށް އަރާފައިވާއިރު، މިއީ %14.7 ގެ ދަށްވުމެކެވެ. ސާފު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 8.52 ބިލިއަން ޔުއާން ކަމަށާއި އެއީ %61.4 ގެ ދަށް އަދަދެކެވެ. މި ދެ އަދަދުވެސް ވެއްޓުނީ އެނަލިސްޓުން އުންމީދުކުރި ވަރަށް ވުރެ ދަށް އަދަދަކަށެވެ.

ޝައޯމީ ގްރޫޕްގެ ރައީސް ލޫ ވެއިބިންގް ވިދާޅުވި ގޮތުގައި ޗައިނާގެ ކޮންސިއުމަރ އިލެކްޓްރޯނިކްސް ރަނގަޅުވުމުގެ އަވަސް އަލާމާތްތައް މިވަގުތު ފެންނާކަށް ނެތެވެ. އަދި އެކަމަށް ވަގުތުވެސް ނަގާނެއެވެ.
ޗައިނާގެ އިގްތިސާދީ ހާލަތު ހަމަޔަކަށް އެޅުމުގެ ކުރިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް އިގްތިސާދީ ހާލަތު ދަށަށް ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެތެރޭގެ އަދި ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ހުރަސްތަކަށް ލުއި ލިބުނު ނަމަވެސް ފައިސާ ހަރަދުކުރުމާއި މެދު ކޮންސިއުމަރުން ސަމާލުވާތީ، ޗައިނާގެ އިގްތިސާދި ދުވެލި ހަލުއިވާނީ މަޑުމަޑުން ކަމަށް ރިޕޯޓުތައް ބުނެއެވެ.