ޗައިނާގެ އިރު އުތުރުގައި ތެޔޮ ސާފުކުރާ ކާރުޚާނާއަކާއި، ޕެޓްރޯ ކެމިކަލް މަޝްރޫޢުއެއް ހިންގުމަށް ސަޢުދީ ޢަރަބިއްޔާގެ ތެޔޮ ކުންފުނި އަރަމްކޯ އިން ޗައިނާގެ ފަރާތްތަކާއިއެކު 12.2 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމާއި ގުޅިގެން އަރަމްކޯއިން ބުނި ގޮތުގައި އަމިއްލަ ފަރާތްތަކުން ކޮންޓްރޯލްކުރާ ރޮންގްޝެންގް ޕެޓްރޯކެމިކަލް ކޯ ލިމިޓެޑްގެ %10 ހިއްސާ ގާތްގަނޑަކަށް 3.6 ބިލިއަން އެމެރިކާ ޑޮލަރަށް ގަތުމަށް ވަނީ އެއްބަސްވެފައެވެ.
ވަކިން އިޢުލާންކުރި ދެ އެއްބަސްވުމުގެ ދަށުން ޗައިނާގެ ދެ ކުންފުންޏަކަށް ޖުމްލަ 690،000 ފީފާގެ ސާފުނުކުރާ ތެޔޮ އަރަމްކޯ އިން ފޯރުކޮށްދޭނެއެވެ. މި އެއްބަސްވުމުގައި ރޮންގްޝެންގް ކޮންޓްރޯލްކުރާ ޒެޖިއަންގް ޕެޓްރޯކެމިކަލް ކޯޕަރޭޝަން، ޒެޑްޕީސީ އަށް 20 އަހަރަށް ދުވާލަކު 480،000 ފީފާގެ ސާފުނުކުރާ ތެޔޮ ފޯރުކޮށްދިނުން ހިމެނޭ ކަމަށް އަރަމްކޯއިން އިތުރަށް ބުނެފައިވެއެވެ.
މި އެއްބަސްވުންތަކަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް ޑިސެމްބަރު މަހު އެޤައުމުގެ ރައީސްކަމަށް 3 ވަނަ ދައުރަކަށް ވަޑައިގެން ޗައިނާގެ ފައިސާ، ޔުއާން އިން ތެލުގެ ވިޔަފާރި ކުރުމަށް ގޮވާލެއްވި ފަހުން އިޢުލާން ކުރި އެންމެ ބޮޑު ދެ އެއްބަސްވުމެވެ.
ޗައިނާގެ އެންމެ ބޮޑު އެއް ރިފައިނަރީ ކަމަށްވާ 800،000 ބީޕީޑީގެ ރިފައިނަރީއެއް ހިންގާ އިރުމަތީ ޗައިނާގެ ކާރުޚާނާއަށް އަރަމްކޯއިން މިހާރުވެސް އަންނަނީ އަހަރަކު އާކުރާ ސޭލްސް އެއްބަސްވުންތަކުގެ ދަށުން ސާފުނުކުރާ ތެޔޮ ވިއްކަމުންނެވެ.
އަރަމްކޯގެ އިންވެސްޓްމަންޓްތަކުން ދައްކުވައިދެނީ ސަޢުދީއާއި ޗައިނާއާއި ދެމެދުގެ ގުޅުން ވަރުގަދަ ކަމެވެ. ނަމަވެސް މިކަމާއިމެދު ސަޢުދީގެ ދުވަސްވީ އެކުވެރި އެމެރިކާ އިން ކަންބޮޑުވެއެވެ. މި އެއްބަސްވުމަކީ ޗައިނާއަށް ސާފުނުކުރާ ތެޔޮ ފޯރުކޮށްދިނުމުގައި ސަޢުދީ ޢަރަބިއްޔާ އާއި ރަޝިޔާއާ ދެމެދު ބޮޑުވަމުން އަންނަ ވާދަވެރިކަން ވެސް ދައްކައިދޭ އެއްބަސްވުމެކެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާއި ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއަށް މަޖުބޫރުވެފައި ވަނީ ޔޫރަޕާއި ދުރަށް ތެޔޮ ފޯރުކޮށްދިނުން ގެންދިއުމަށެވެ. ޗައިނާ ހިމެނޭ ގޮތަށް އެހެން މާކެޓްތަކަށް ބޮޑު ޑިސްކައުންޓެއް ދީގެން ރަޝިއާ އަންނަނީ އެ ޤައުމުތަކަށް ތެޔޮ ވިއްކަމުންނެވެ.
ޕްރޮވިންސް ސަރުކާރުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، އަރަމްކޯއިން ވަނީ ޗައިނާގެ ދެކުނުގެ ޕްރޮވިންސް ގުއާންގްޑޮންގްއާއެކު އިތުރު އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. އެގޮތުން، ހަކަތަ އާއި މާލީ ކަންކަމާއި ރިސާރޗު އަދި އިނޮވޭޝަން ފަދަ ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވެއެވެ.