ޔޫރަޕް އިއްތިހާދު، އީޔޫއިން އިނގިރޭސިވިލާތް ރަސްމީކޮށް ވަކިވިތާ 3 އަހަރު ފަހުން އޭޝިއާ އަދި ޕެސިފިކްގެ 11 ގައުމަކާއެކު ޖޮއިންޓް ވިޔަފާރީގެ އެއްބަސްވުމެއްގައި އެގައުމުން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ޗީޒް، ވެހިކަލް، ޗޮކްލެޓް އަދި މެޝިނަރީ ފަދަ އުފެއްދުންތަކުން ނަގާ ޓެރިފް ކުޑަވެ، އިނގިރޭސިވިލާތުގެ އެކްސްޕޯޓް އިތުރުވާނެކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ. ނަމަވެސް ސަރުކާރުގެ އަމިއްލަ އަންދާޒާތަކުން ދައްކާ ގޮތުގައި އެއްބަސްވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ އިގްތިސާދީ ދުވެލި ހަލުއިވާނީ އެންމެ %0.08 އަށެވެ.
ކޮމްޕްރިހެންސިވް އެންޑް ޕްރޮގްރެސިވް އެގްރީމަންޓް ފޯ ޓްރާންސް ޕެސިފިކް ޕާޓްނަޝިޕް - ނުވަތަ ސީޕީޓީޕީޕީ - 2018 ވަނަ އަހަރު އުފެއްދިއިރު، އޭގެ ތެރޭގައި އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ޗިލީ، ޖަޕާން، މެލޭޝިއާ، މެކްސިކޯ، ނިއުޒީލެންޑް، ޕެރޫ، ސިންގަޕޫރު އަދި ވިއެޓްނާމް ހިމެނެއެވެ.
ސީޕީޓީޕީޕީގެ މެމްބަރެއްގެ ގޮތުގައި ހިމެނިއްޖެނަމަ މެމްބަރުންގެ މެދުގައި ވިޔަފާރިކުރުމަށް ކަނޑައެޅިފައިވާ ހުރަސްތައް ލުއިވެ، މުދަލުން ނަގާ ޓެރިފް ބޯޑަރު ޓެކްސް ކުޑަވެގެންދެއެވެ. މި 11 މެމްބަރުން އެކުގައި ދުނިޔޭގެ އާމްދަނީގެ ގާތްގަނޑަކަށް %13 ހިއްސާކުރެއެވެ. މި އެއްބަސްވުމުގައި ބައިވެރިވާ ޔޫރަޕްގެ ފުރަތަމަ ގައުމަކަށް އިނގިރޭސިވިލާތްވެފައި ވަނީ 21 މަސްދުވަހުގެ މަޝްވަރާތަކަށްފަހުއެވެ.
ސަރުކާރުން ބުނާ ގޮތުގައި މި އެއްބަސްވުމަކީ އިނގިރޭސިވިލާތުން "ބްރެކްޒިޓް"އަށްފަހު ހެދި އެންމެ ބޮޑު ވިޔަފާރީގެ އެއްބަސްވުމެވެ.
ނަމަވެސް އެއްބަސްވުމާއި ގުޅުމުން އިނގިރޭސިވިލާތަށް ލިބޭ ފައިދާ ކުޑަވާނެ ކަމަށް ބެލެވެއެވެ. އިނގިރޭސިވިލާތުން މިހާރުވެސް ބްރޫނާއީ އާއި މެލޭޝިއާ ފިޔަވައި ހުރިހާ މެމްބަރުންނާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހަދާފައިވާއިރު، އޭގެ ތެރެއިން ބައެއް އެއްބަސްވުންތަކުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އަދި ވިޔަފާރީގެ ބައެއް ފައިދާތައް ލިބުނު ނަމަވެސް އިނގިރޭސިވިލާތުގެ އިގްތިސާދީ ދުވެލި %0.08 އަށް ހަލުއި ވާނީ 10 އަހަރު ދުވަހުން ކަމަށް ސަރުކާރުން ލަފާކުރެއެވެ.
ސަރުކާރަށް ލަފާދޭ އޮފީސް ފޯ ބަޖެޓް ރެސްޕޮންސިބިލިޓީ، އޯބީއާރުއިން ކުރިން ބުނެފައިވާ ގޮތުގައި ބްރެކްސިޓްގެ ސަބަބުން އިނގިރޭސިވިލާތުގެ އިގްތިސާދީ ދުވެލި ދިގު މުއްދަތެއްގައި ގާތްގަނޑަކަށް %4 އަށް މަޑުޖެހޭނެއެވެ.