ޕަބްލިޝަރުންނަށް ގެއްލުނު އާމްދަނީގެ ބަދަލެއްގެ ގޮތުގައި 4.2 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ގޫގުލްއާ ދެކޮޅަށް ދައުވާއެއް ކޮށްފިއެވެ.
ގާޑިއަންގެ ކުރީގެ ޓެކްނޮލޮޖީ އެޑިޓަރެއްކަމަށްވާ ޗާލްސް އާތަރ، ގޫގްލްއާ ދެކޮޅަށް ހުށަހަޅާފައިވާ މި މައްސަލައިގައި ބުނެފައިވަނީ ގޫގުލްއިން މާކެޓުގައި އޮތް ޑޮމިނޭންޓް މަގާމު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އިންޓަރނެޓް އިޝްތިހާރުތަކުން ޕަބްލިޝަރުންނަށް ލިބޭނެ ފައިސާގެ އަދަދު ގާނޫނާއި ހިލާފަށް ކޮންޓްރޯލުކޮށްފައިވާކަމަށެވެ.
ގޫގުލްއިން ބުނާ ގޮތުގައި މިކަމާއި ދެކޮޅަށް ކުންފުނިން މަސައްކަތްކުރާނެއެވެ. ގޫގްލްއާއި ދެކޮޅަށް މިދިޔަ ނޮވެމްބަރު މަހުވެސް ވަނީ މިފަދަ މައްސަލައެއް ހުށަހަޅާފައެވެ.
އެފަހަރު މައްސަލަ ހުށަހެޅީ 13.6 ބިލިއަން ޕައުންޑާ ހަމައަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތް ކުރަމުން އަންނަ އޮފްކޮމްގެ ކުރީގެ ޑިރެކްޓަރު ކްލޯޑިއޯ ޕޮލާކްއެވެ. މި ދެ މައްސަލައިގައިވެސް ބޮޑަށް އަލިއަޅުވާލާފައި ވަނީ ކަސްޓަމަރުންނަށް ފެންނަ ވެބް އިޝްތިހާރުތަކާއި، އެ އިޝްތިހާރުތަކުގެ އަގާއި، ޕަބްލިޝަރުންނަށް ލިބޭ ފައިސާގެ އަދަދު ކޮންޓްރޯލްކުރާ އެޑްޓެކްއަށެވެ.
އޮންލައިންކޮށް ޑިސްޕްލޭ އިޝްތިހާރުކުރުމަކީ ގިނަ ވެބްސައިޓްތަކަށް އާމްދަނީ ލިބޭ މައިގަނޑު އެއްމަގެވެ.
އިނގިރޭސިވިލާތުގެ ކޮމްޕެޓިޝަން ރެގިއުލޭޓަރ، ކޮމްޕެޓިޝަން އެންޑް މާކެޓްސް އޮތޯރިޓީ، ސީއެމްއޭއިންވެސް ދަނީ އިޝްތިހާރު ޓެކްނޮލޮޖީގައި ގޫގުލްގެ ބާރުގަދަކަން އޮތް މިންވަރު ތަހުގީގުކުރަމުންނެވެ.
ދައުވާގައި އާތަރ ބުނާގޮތުގައި ގޫގުލްގެ މަގާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން އެޑްޓެކް ހިދުމަތްތަކުގެ އަގުތައް ބޮޑުވެ، ޕަބްލިޝަރުންގެ އިޝްތިހާރު ވިއްކައިގެން ލިބޭ އާމްދަނީ ގާނޫނާއި ހިލާފަށް ދަށްވިއެވެ.
“އެޑްޓެކްގައި ގޫގުލްގެ އެންޓި ކޮމްޕެޓިޓިވް ކޮންޑަކްޓް ސީއެމްއޭ އިން މިހާރު ދަނީ ތަހުގީގު ކުރަމުން، ނަމަވެސް މީގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ގޫގުލް އިން ބަދަލު ދޭން އަމުރު ކުރެވޭނެ ބާރެއް އެމީހުންނަށް ނެތް. އަޅުގަނޑުމެންނަށް އެ ގޯސް ރަނގަޅު ކުރެވޭނީ ހަމައެކަނި ކޯޓުތަކުގެ ތެރެއިން، އެހެންވެ އަޅުގަނޑު މި ދައުވާ މި ގެންނަނީ." އާތުރް ބުނެފައިވެއެވެ.
މި ގާނޫނީ މައްސަލަތަކުގެ ނަތީޖާތަކުގެ ސަބަބުން ގޫގުލްގެ ވިޔަފާރީގެ ސްޓްރެޓެޖީއަށާއި އިޝްތިހާރު ޓެކްނޮލޮޖީގެ ދާއިރާގައި ގޫގުލްގެ ބާރުގަދަކަމަށް ބޮޑު އަސަރެއް ކޮށްފާނެއެވެ. މި ތުހުމަތުތަކާއި ގުޅިގެން ކުރިއަށްދާ ގާނޫނީ އިޖުރާއަތުގެ ނަތީޖާ އަދި ޔަގީން ނުވިނަމަވެސް މިކަމުގެ ދިފާއުގައި ގޫގުލްއިން ތެދުވާނެކަން ވަރަށް ސާފެވެ.