ޚަބަރު

މިއަހަރު ބާއްވާ ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް ޖޫން މަހު


އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންސް އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ޤާނޫނަށް ގެނައި އިސްލާހާއިއެކު މިއަހަރު ބާއްވާ ބައި އިލެކްޝަންސްތައް ޖޫން މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ޤާނޫނުގައި ކުރިން އޮތްގޮތުން އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހެއެވެ. ނަމަވެސް ޤާނޫނަށް މިހާރު ގެނެސްފައިވާ ބަދަލާއިއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބެއް ބާއްވަން ޖެހޭނީ 365 ދުވަހުގެ ތެރޭގައެވެ.

ނަމަވެސް އަންހެނުންގެ ކޮމެޓީގެ ކޯރަމް ހަމަނުވާ އަދަދަށް ކޮމެޓީގެ މެމްބަރުން މަދުނަމަ، ޤާނޫނުގައި އޮންނަ ގޮތުގެ މަތީން އިންތިޚާބުތައް ބާއްވަމުން ދާނެއެވެ. ޤާނޫނަށް ގެނައި އިސްލާހާއެކު މިއަހަރު ބާއްވާ އަންހެނުންގެ ކޮމެޓީގެ ބައި އިލެކްޝަންސްތައް ބާއްވާނީ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ. އެދުވަހު 10 ރަށެއްގެ ބައި އިލެކްޝަންސް ބޭއްވުމަށް އިލެކްޝަނުން ވަނީ ތާވަލްކޮށްފައެވެ.

ޖޫން 17 ވަނަ ދުވަހު ބައި އިލެކްޝަންތައް އޮންނަ ރަށްތައް:

* ތ.ގާދިއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ މެމްބަރު
* ރ.މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ މެމްބަރު
* ގދ.ހޯޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ މެމްބަރު
* ގދ.ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ މެމްބަރު
* ކ.މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ މެމްބަރު
* ކ.ދިއްފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ މެމްބަރު
* މ.ވޭވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ މެމްބަރު
* ފ.ބިލެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ މެމްބަރު
* ށ.މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ މެމްބަރު
* ހދ.ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ މެމްބަރު

ގާތް ގާތުގައި އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަންޖެހުމަކީ އިލެކްޝަންސް ކޮމިޝަނުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެކެވެ. ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކަށް މެމްބަރުން އިންތިޚާބުވިފަހުން ފާއިތުވި ދެ އަހަރު ތެރޭގައި ބޭއްވުނު އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ހާމަކުރައްވާފައިވެއެވެ.

ނަމަވެސް ޤާނޫނަށް މިގެނައި މިއިސްލާހު ރައީސް ތަސްދީގުކޮށް ޢަމަލުކުރަން ފެށުމުން އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.