މި ރަމަޞާންމަހު މާލެ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ދުވާލެއްގެ މައްޗަށް 25000 މީހުން ބޭނުންކުރަމުން އަންނަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެހެން މަސްތަކާ އެއްގޮތަށް އެމް.ޓީ.ސީ.ސީން އަންނަނީ މި ރަމަޞާންމަހުވެސް މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައިވެސް ބަހުގެ ޚިދުމަތް ދެމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވީ، މި ރަމަޞާންމަހު މާލޭއާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން މިހާތަނަށް ދުވާލެއްގެ މައްޗަށް 1000 އަށްވުރެ ގިނަ ބަސް ދަތުރުތައް ކޮށްފައިވާކަމަށެވެ. އަދި އެ ދަތުރުތަކުގައި ދުވާލަކު 25000 އެއްހާ މީހުން ދަތުރުކުރަމުން އަންނަކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ރޯދަމަހު އޮފީސް އަދި ސްކޫލްތައް ހިންގާ ވަގުތު ކުޑަވުމުގެ ސަބަބުން އެ ގަޑިތަކުގައި ބަހަށް އޮންނަ ޑިމާންޑް އިތުރުވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ބަހަށް ޑިމާންޑް އޮންނަ ސަރަޙައްދުތަކަށް އިތުރު ބަސްތައް ބޭވުމަށް ހަމަޖެހިފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ބަސްތައް އިތުރުކުރުމަށް ނިންމާފައިވަނީ ސިނަމާލެ ބްރިޖު މަތީގައި ބާރުބޮޑުވުމުގެ ސަބަބުން މާލެއާއި ހުޅުމާލެއާ ދެމެދު ކުރާ ދަތުރަށް ގިނަ ވަގުތު ހޭދަވާތީކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން މިހާރު ގާތްގަނޑަކަށް 45 މިނެޓް ހޭދަވާކަމަށާއި، މަސައްކަތް ކުރަމުންދަނީ ބަހުގެ ޚިދުމަތް ހޯދާ މީހުންނަށް ވީހާވެސް އަވަހަކަށް އެމީހެއްގެ މަންޒިލަށް ގެންގޮސްދިނުމަށްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރަމަޞާންމަހުވެސް އެމް.ޓީ.ސީ.ސީން ބަހުގެ ޚިދުމަތް ދެމުން އަންނަނީ ހެނދުނު 6 އިން ރޭގަނޑު 12 ޖެހުމާހަމައަށެވެ. އެހެންނަމަވެސް މާލެ ސަރަޙައްދުގައި ދެމުން އަންނަ ބަހުގެ ޚިދުމަތް، 3 ރޫޓިންއަކުން 3 ގަޑިއިރަށް މެދުކެނޑާލައެވެ. އެއީ ރަމަޟާން މަހުގެ ހަވީރުގެ ވަގުތަކުގަޔާއި، ތަރާވީސް ނަމާދު ވަގުތަކަކީ މަގުމަތީގެ ތޮއްޖެހުން އިތުރުވެ ވެހިކަލްތައް ޕާކް ކުރުން ގިނަ ވަގުތަކެއް ކަމުންނެވެ.
އެމް.ޓީ.ސީ.ސީއިން މި ގެނައި ބަދަލުން މިނީ ބަހުގެ މި 3 ރޫޓުން ކޮންމެ ދުހަކުވެސް އިރުއޮއްސި 6 އިން ރޭގަނޑު 9 އަށް ބަސްދަތުރުތައް މެދުކަނޑާލައެވެ. އަދި އެހެން ހުރިހާ ރޫޓެއްގެ ދަތުރުތައް ކޮންމެ ދުވަހެއްގެ އިރުއޮއްސި 6 އިން 7 އަކަށް މެދުކަނޑާލާނެއެވެ. ހުޅުމާލެ ފޭސް 1 އަދި ދޭއްގެ އިތުރުން ވިލިމާލޭގެ ބަހުގެ ޚިދުމަތްވެސް އެ ވަގުތުތަކުގައި ދިނުންހުއްޓާލާނެކަމަށް އެކުންފުނިން ބުނެއެވެ.