ޚަބަރު

ޖުމްހޫރީ ޕާޓީ ދޫކޮށް، މެމްބަރު އަލީ ހަމީދު އެމްޑީޕީއަށް


ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީން ވަކިވެ، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރެއްވީ މިއަދު މުލިއާގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ހަމީދު އެމްޑީޕީއަށް ސޮއިކުރުމުން މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެމްބަރުންގެ އަދަދު ވަނީ 67އަށް އަރާފައެވެ.

ހަމީދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު އަލީ ހަމީދު ވިދާޅުވީ، އިޖުތިމާއީ ހަމަޖެހުމާއި އަދި އިގުތިސޯދީ ހަމަޖެހުމަކީ ގައުމު ހިންގުމާއި ގައުމުގެ މުސްތަގުބަލަށްޓަކާ ކޮންމެހެން ލާޒިމު ކަމެއްކަމަށެވެ. އަދި އެ ހަމަޖެހުން ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވި ހަމައެކަނި ވެރިޔަކީ ރައީސް ސާލިހުކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ މި ވެރިކަމުގައި ރާއްޖެއަށް ރައީސް ސާލިހު ގެންނެވި އިޖުތިމާއި އަދި އިގުތިސާދީ ހަމަޖެހުމަށް އެކަނި ބެލި ނަމަވެސް އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުން ލާޒިމްކަމަށެވެ.

މެމްބަރު ހަމީދު ޖުމްހޫރީ ޕާޓީން ވަކިވެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ ކޯލިޝަނުން ވަކިވެ، ވަކިން އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމި ނިންމުމާއެކު އެ ޕާޓީގެ އިސް ސަފުގައި މަސައްކަތްކުރާ ގިނަ ބޭފުޅުންތަކެއް ވަނީ ޖުމްހޫރީ ޕާޓީ ދޫކޮށް، ރައީސް ސާލިހަށް ތާއީދުކުރުމަށް ނިންމާފައެވެ. އޭގެތެރޭގައި ބައެއް ވަޒީރުންވެސް ހިމެނިވަޑައިގެންނަވައެވެ.