ޚަބަރު

ޑރ. ޢާޞިމްގެ ތާއީދު ރައީސް ޞާލިހަށް


ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދު ކުރެއްވުމަށް އދ.ގެ ޖެނީވާ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢާޞިމް އަޙްމަދު ނިންމަފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި ޑރ. ޢާޞިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ޒަޢާމަތުގައި ރާއްޖެއަށް ގެނެސްދެއްވާފައިވާ ތަރައްޤީއާއި ކުރިއެރުމާއި، ޢިޖުތިމާޢީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރަން ނިންމަވާފައިވާކަމަށެވެ.

ޑރ. ޢާޞިމަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވާދަކުރެއްވުމަށް ވަނީ ނިންމަވާފައެވެ. ޑރ.ޢާޞިމަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި އެޑިޔުކެޝަން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމެވި ހިސާބުން ސަރުކާރުގެ ޚާރިޖީ ދާއިރާގައި މަސައްކަތް ކުރަމުންދާ އެކި ބޭފުޅުންދަނީ ރައީސުލްޖުމްހޫރިއްޔާއަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުންނެވެ. އެގޮތުން މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު ޢަލީ ޙުސައިން ދީދީ އާއި، ސަޢުދި ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުޙައްމަދު ޚަލީލްވެސް ވަނީ ރައީސް ޞާލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

ޚާރިޖީ ދާއިރާގެ ބޭފުޅުންގެ އިތުރުން ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އެކި މަޤާމުތައް ފުރުއްވާ ގިނަ ބޭފުޅުން ގެންދަވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުންނެވެ.