ޚަބަރު

ގުރައިދޫ ދާއިރާ: ވޯޓާސް ލިސްޓަށް 3 ޝަކުވާ، ކެމްޕެއިނާ ގުޅޭ ޝަކުވާއެއް ނެތް


ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުން ރަޖިސްޓްރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، އެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވަނީ 3 ޝަކުވާއެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިމަހުގެ 15 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުން ޝަކުވާ ހުށައެޅުމުގެ މުއްދަތު ވަނީ މިދިޔަ ހޮނިހިރު ދުވަހަށް ހަމަވެފައެވެ. މި މުއްދަތުގައި ކޮމިޝަނަށް ލިބިފައިވަނީ ވޯޓާސް ލިސްޓާއިގުޅޭ 3 ޝަކުވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ޢަބްދުﷲ އުނައިސް ވިދާޅުވީ، ހުށަހެޅިފައިވާ ޝަކުވާތަކަށް 5 ދުވަހުގެ ތެރޭގައި ކޮމިޝަނުން ޖަވާބުދޭނެކަމަށެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ތިން ޕާޓީން ފޯރީގައި ދަނީ ކެމްޕެއިން ކުރަމުންނެވެ. މި އިންތިޚާބުގައި ވާދަކުރަނީ ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމް.އެން.ޕީންނެވެ. ޕީޕީއެމުން ކުރިމަތިލީ، އަވަހާރަވި މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާއެވެ. އެމްޑީޕީން ވާދަކުރަނީ އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރި އިބްރާޙިމް ޝާޒްއެވެ. އަދި އެމް.އެން.ޕީގެ ޓިކެޓް ދީފައިވަނީ އަލީ ޢާރިފަށެވެ.

އިންތިޚާބުގެ ކެމްޕެއިނާއި ގުޅިގެން މިހާތަނަށް އިލެކްޝަނަށް އެއްވެސް ޝަކުވާއެއް ހުށަހެޅިފައިނުވާކަމަށް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އުންމީދަކީ މި އިންތިޚާބަކީ ޝަކުވާ މަދު އަދި އިންތިޚާބީ ޙައްޤުތަކަށް އުނިކަން އަންނާނޭފަދަ ކަންކަން ނުހިނގާ އިންތިޚާބަކަށް ވުންކަމަށްވެސް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ގުރައިދޫ ދާއިގެ 3 ރަށުގެ އިތުރުން މާލޭގައި ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 3،423 މީހުންނަށެވެ.