ޚަބަރު

ސްޕޯޓްސް ކޯޕަރޭޝަން އުވާލައި، ކުޅިވަރު ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް


މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލުން ހިމެނޭ ގޮތަށް ކުޅިވަރާއިބެހޭ ޤާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ.

މިބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުއެވެ.

ބިލު މަޖިލީހަށް ހުށަހަޅުއްވަމުން މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވަނީ މައިގަނޑު 7 އިސްލާހެއް ކަމަށެވެ.

ޤާނޫނަށް އިސްލާހު ގެނައުމުގެ މަޤްސަދަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހުރިހާ އުމުރު ފުރާއެއްގައި ވާދަވެރި އަދި ވާދަވެރިނޫން ކުޅިވަރުގެ އެންމެހާ ކަންކަން އެއް އޮނިގަނޑެއްގެ ދަށުން ބައްޓަން ކުރުމެވެ. މިއާއެކު ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ސްޕޯޓާސް ކޯޕަރޭޝަނާއި، ކުޅިވަރާއި ބެހޭ ޤައުމީ މަޖިލީހުގެ ދައުރާއި މަސްއޫލިއްޔަތު އަދާކުރުމުގެ ފުށު ނާރާނެގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހުގައި ހިމަނާފައިވެއެވެ.

ސްޕޯޓާސް ކޯޕަރޭޝަން އުވާލަނީ:

ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ގާނޫނުގެ ހަތަރު ވަނަ ބާބު އުވާލުމަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. ޤާނޫނަށް ހުށަހެޅި މި އިސްލާހުގައި ސްޕޯޓްސް ކޯޕަރޭޝަން އުވާލައި، ޤާނޫނު އިސްލާހުކޮށް، އެނެސްކޯގެ އިންޓަރނޭޝަނަލް ކޮންވެންޝަން އެއިންސްޓް ޑޯޕިން ސްޕޯޓާއި އެއްގޮތްވާގޮތުގެ މަތީން، މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ ޤާއިމްކޮށް މުސްތަގިއްލު ބޯޑެއްގެ ދަށުން ހިންގާ އެޖެންސީއެއްކަމުގައި ކަނޑައެޅުމަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

ހަމައެހެންމެ ކުޅިވަރު މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ހެދިފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދޭ ދެބަސްވުންތައް ހައްލުކުރަން ވަނީ އާބިޓްރޭޝަނުން ކަމުގައި ބުނެފައިނުވާނަމަ، އެފަދަ މައްސަލަތައް ހައްލުކުރަންވާނީ ޝަރުޢީ ކޯޓަކުން ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ޤާނޫނަށް ހުށަހަޅާފައިވާ އެހެން އިސްލާހުތައް:

ޤާނޫނަށް ހުށަހަޅާފައިވާ އެހެން އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ކުޅިވަރުގެ އޮނިގަނޑު އެކުލެވޭނީ ސްކޫލް ކުޅިވަރާއި ވާދަވެރި ނޫން ކުޅިވަރާއި ވާދަވެރި ކުޅިވަރުގެ މައްޗަށްކަމަށެވެ. އަދި އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ސަގާފީ ހަރަކާތްތައް އުނިކުރަން ވަނީ ހިމަނާފައެވެ.

މީގެއިތުރުން ގިންތިތަކެއް ކަނޑައަޅައި އެ ގިންތީގެ ކުޅިވަރު ޖަމްއިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭގޮތަށް އެ އިސްލާހުގައިވެއެވެ. އޭގެތެރޭގައި ގައުމީ ކުޅިވަރު ފެޑަރޭޝަންތަކާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ސަރަހައްދީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކްލަބްތަކާއި ކުޅިވަރު އެކަޑަމީތައް ހިމެނެއެވެ.

މީގެ އިތުރުން ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލްކުރާނެ މެމްބަރަކު ހިމެނުމަށްޓަކައި ކުޅިވަރާބެހޭ ޤަައުމީ މަޖިލިސް އެކުލެވިގެންވާ ގޮތް ބަޔާންކުރުމަށްވެސް އިސްލާހު ވަނީ ހުށަހަޅާފައެވެ. ހަމަމިއާއެކު ޤާނޫނުގެ ތެރެއިން އުފައްދާފައިވާ "ޔެސް" ޓީވީ އުވާލަންވެސް ވަނީ ހުށަހަޅާފައެވެ.

ކުޅިވަރު ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކާއި ގުޅިގެން މަޖިލީހުގެ ގިނަ މެމްބަރުންގެ ކަންބޮޑުވުން ހުރިކަން ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް އަތޮޅުތެރޭގައި ކުޅިވަރު ކުޅޭ ވަސީލަތްތައް ގާއިމް ކުރުމަށާއި، ކުޅިވަރުގެ ކަންކަން ހަރުދަނާ ގޮތެއްގައި ކުރެވޭނެ އިންތިޒާމުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގައި ނުހިމެނުމުން މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.