ޚަބަރު

3 ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން ރުހުން ދީފި


ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން 3 ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ނޮން-ރެސިޑެންޓް ސަފީރުކަމަށް މިއަދު މަޖިލީހުން ރުހުން ދެއްވާފައިވަނީ

1- ސީޝެލްސް، މޮރިޝަސް، ޤަތަރު، ސައުތު އެފްރިކާ އަދި ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަލީ ފާއިޒް

2- ކެނެޑާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަނަވާ ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދު

3- އިތިއޯޕިއާ އަދި ކެންޔާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާމިނަތު ޝަބީނާ

މި 3 ބޭފުޅުންވެސް މަޖިލީހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 52 މެމްބަރުންގެ އައުލަބިއްޔަތުންނެވެ.

ޢަލީ ފާއިޒަކީ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ މަޖިލީހުގެ މެމްބަރުކަމާއި، ސަރުކާރާއި ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކެއްވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ޕޮލިސް ބޯޑުގެ ރައީސްކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

ޢަބްދުލްޣަފޫރަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީގެ މަގާމާއި އެކުވެރި ދައުލަތްތަކުގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމާއި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމާއި އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސް މަޤާމުތައްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އާމިނަތު ޝަބީނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި މަސައްކަތްކުރައްވާފައެވެ. ޝަބީނާއަކީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްލުކުރައްވާފައިވާ ބޭފުޅެކެވެ.