ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ވިދާޅުވެއްޖެއެވެ.
ފާއިތުވި 4 އަހަރު ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ ޢަދަދު އިސްލާމިކް މިނިސްޓަރީން ވަނީ ހާމަކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ފާއިތުވި 4 އަހަރުގެ ތެރޭގައި އެންމެ ގިނައިން ފިޠުރު ޒަކާތުގެ ގޮތުގެ ގޮތުގައި ފުރަތަމަ 10 ދުވަހު ލިބިފައިވަނީ 1441 ވަނަ އަހަރުގައެވެ. އެއީ 1.5 މިލިޔަން ރުފިޔާއެވެ.
ދެން އެންމެ ގިނައިން ރުފިޔާ ލިބިފައިވަނީ މިއަހަރުގެ ރަމަޞާންމަހުގެ ފުރަތަމަ 10 އެއްގައެވެ. އެއީ 1.3 މިލިޔަން ރުފިޔާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. 1443 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބިފައިވަނީ 1 މިލިޔަން ރުފިޔާއެވެ. އަދި 1442 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 9 ލައްކަ ރުފިޔާއެވެ.
ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިޠުރުޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތަފްޞީލް#roadha44#zakat44#MVIaffairs pic.twitter.com/tUTbQC7WU2
— Ministry of Islamic Affairs (@MVIaffairs) April 5, 2023
ޒަކާތް ބަލައިގަންނާނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ރަމަޟާންމަހުގެ 27 ވަނަ ދުވަހާއި ހަމައަށެވެ. އެއީ މި މަހުގެ 18 ވަނަ ދުވަހާއި ހަމައަށެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ޒަކާތް ފުރަތަމަ ބަލައިގަންނަން ފަށާނީ ފައިސާއިންކަމަށެވެ. މީގެތެރޭގައި އޮންލައިންކޮށް އަދި އިސްލާމިކް މިނިސްޓްރީން ޑެސްކް ބަހައްޓައިގެންވެސް ޒަކާތް ބަލައިގަތުން ކުރިއަށްދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. ފައިސާ ބަލައިގަންނަން ޑެސްކް ޤާއިމްކޮށްފައިވަނީ، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދަތިވާ މީހުންނަށް ޚާއްސަކޮށްގެންނެވެ.
ރަމަޟާންމަހުގެ ފަހުކޮޅު ގޮވާމުގެ ބާވަތްތަކުންވެސް ޒަކާތް ބަލައިގަންނަން ފަށާނެއެވެ. ރަށްރަށުގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުންނެވެ.
ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން، އެބަޔަކު އާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.
ފިޠުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ.