ޚަބަރު

އެމްއެންޕީ ފިޔަވައި ޝަރުތު ހަމަވާ 5 ޕާޓީއަކަށް ފައިސާ ދޫކުރަައްވަން ފޮނުއްވައިފި


މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ފިޔަވައި ޝަރުތުރު ހަމަވާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިނިސްޓްރީ އޮފް ފިނޭންސް މިނިސްޓްރީއަށް ފޮނުއްވައިފިއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ. މި ޢަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ސިޔާސީ ޕާޓީތައް ހިންގުމަށް، މިއަހަރުގެ ބަޖެޓުން 36,896,088.00 ( ތިރީސް ހަމިލިއަން އަށްސަތޭކަ ނުވަދިހަ ހަހާސް އަށްޑިހަ އަށް) ރުފިޔާވަނީ ކަނޑައަޅުއްވައިފައެވެ. މި އަހަރު ފައިސާ ދޫކުރައްވަން ޝަރުތުހަމަވި ޕާޓީތަކަކީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އެމްއެންޕީ، އަދި އަދާލަތު ޕާޓީއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ ޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކޮށްފައިވާ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން އެމްއެންޕީ ފިޔަވައި ޝަރުތުރު ހަމަވާ 5 ޕާޓީއަށް ފައިސާ ދޫކުރުމަށް އެދިފައިވާކަމަށް ފުއާދު ވިދާޅުވިއެވެ. އެމްއެންޕީއަށް ފައިސާ ދޫކުރަން ފޮނުވިފައި ނުވަނީ ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީކަމަށްޗެސް ފުއާދު ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުން ފައިސާ ދޫކުރައްވާ ޕާޓީތަކާއި ފައިސާގެ ޢަދަދު:

* މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ): 14،212،790.92
* ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް): 9،544،204.46
* ޖުމްހޫރީ ޕާޓީ(ޖޭޕީ): 5،680،521.16
* މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 2،591،106.24
* މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ): 2،434،979.29
* އަދާލަތު ޕާޓީ: 2،412،485.93

މިއަހަރަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރަށް ވުމާއެކު ސިޔާސީ ޕާޓީތަކުން ހިންގާ ޙަރަކާތްތައް ދަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސިޔާސީ ޕާޓީތަކަކީ ވެސް ދައުލަތުގެ މުއައްސަސާއަކަށް ވާއިރު، ޕާޓީތައް ހިންގުމަށް ދައުލަތުން ފައިސާ ދޫކުރަނީ ޕާޓީތަކުން ކޮންމެ އަހަރަކު ހިންގާ ޙަރަކާތްތަކުގެ މައްޗަށް އެކުލަވާލާ އަހަރީ ރިޕޯޓާއި، މާލިއްޔަތު ރިޕޯޓަށް ބެލުމަށްފަހުއެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ މެމްބަރުންގެ ޢަދަދަށް ބަލައިގެންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނާއި ބައެއް ޕާޓީތަކުންވެސް ބުނެފައިވަނީ، މެމްބަރުންގެ އަދަދަށްވުރެ ޕާޓީތަކުން ބައިވެރިވާ އިންތިޚާބުތަކާއި، ލިބޭ ކާމިޔާބީގެ މައްޗަށް ބިނާކޮށް ޕާޓީތަކަށް ފައިސާ ދޫކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ. ނަމަވެސް ޤާނޫނުގައި މިހާރު އޮތްގޮތުން 10،000 މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް ފައިސާ ދޫކުރެއެވެ.