ޚަބަރު

އެމްޑީޕީގެ ޕްރައިމަރީ ބާޠިލުކުރަން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި


އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޞައްޙަ ނޫންކަމަށް ކަނޑައަޅައިދިނުން އެދި ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޞައްޙަ ނޫންކަމަށް ކަނޑައަޅައިދިނުން އެދި ސިވިލް ކޯޓަށް މައްސަލަ ހުށައެޅީ ޢަލީ އަމްޖަދު ކިޔާ މީހެކެވެ. އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭގޮތުން ސިވިލް ކޯޓަށް ހުށައެޅި މައްސަލާގައި ވަނީ، ޕާޓީގެ މެންބަރުކަމުން ވަކިކުރުމަކީ، އެ މެންބަރަކާ މެދު އެޅޭ ފިޔަވަޅެއްކަން އެމްޑީޕީގެ އަސާސީ ޤަވާޢިދުގައި ބަޔާންކުރާއިރު، އެޕާޓިން 39،000 މެންބަރުން ވަކިކޮށްފައިވަނީ އިޖްރާޢަތުތައް ފުރިހަމަނުކޮށް ކަމަށެވެ. އެހެންކަމުން އެ މެންބަރުންގެ ވޯޓުދިނުމުގެ ޙައްޤު ގެއްލޭގޮތަށް ބޭއްވި ޕްރައިމަރީ ޞައްޙަ ނޫންކަމަށް ކަނޑައަޅައި، އަލުން ޕްރައިމަރީ ބޭއްވުމަށް އެމްޑީޕީގެ މައްޗަށް ޢަމުރުކޮށްދިނުމަށް އޭނާ އެދިފައިވެއެވެ.

ނަމަވެސް އެ މައްސަލަ ހުށަހެޅި ޢަލީ ޢަމްޖަދަކީ އެމްޑީޕީ މެމްބަރަކަށް ނުވާތީ މި މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމަވައި މިއަދު ވަނީ ސިވިލް ކޯޓުން ބޭރުކޮށްލައްވައިފައެވެ. މި މައްސަލައިގެ ޙުކުމުގައި ވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވޯޓާރސް ލިސްޓުގައިވެސް ނަން އޮތްކަމަށް އޭނާގެ ވަކީލް ދިޔާނާ ސަޢިދު ވިދާޅުވެފައި ވީނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި އަމްޖަދުގެ ނަން އޮތީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އަދި މިކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދެއްވައިފައިވާކަމަށް ޙުކުމުގައިވެއެވެ.

މިމައްސަލަ ކޯޓުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމަވައި، މައްސަލަ ބެއްލެވި ޤާޟީ ޢާއިޝަތު އަޒްފާ އަބްދުލްޣަފޫރު ކުރެއްވި ޙުކުމުގައި ވަނީ، މިފަދަ މައްސަލަތައް ބެލުމުގެ އިސްތިޞާސް އޮތުމާ ގުޅޭގޮތުން މަތީ މަރުޙަލާގެ ކޯޓުގެ ބައެއް ނިންމުންތަކަށްވެސް ރިޢާޔަތްކުރައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ކަނޑައެޅުމަށް މިއަހަރުގެ ޖެނުއަރީ މަހުގެ 28 ގައި ބޭއްވި ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކާމިޔާބު ހޯއްދެވީ ބޮޑު ތަފާތަކުންނެވެ. ޕްރައިމަރީގައި ރައީސް ޞާލިޙަށް %61 ލިބިވަޑައިގެންފައިވާއިރު، އެއީ 24572 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15631 ވޯޓާއެކު %39 އެވެ.