ޚަބަރު

ޚާރިޖީ ވަޒީރު ދުންޔާ، ޔޫއޭއީގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި


ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚު ޢަބްދުﷲ ބިން ޒައިދް އަލް ނަޙްޔާންއާއި ބައްދަލުކުރައްވައިފިއެވެ.



އެކަމަނާ ޔޫއޭއީގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވާފައި މިވަނީ ޔޫ.އޭ.އީގެ ޚާރިޖީ ވަޒީރުގެ ދަޢުވަތަކަށް މިހާރު އެޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިބައްދަލުވުމުގައި ޚާރިޖީ ވަޒީރު ދުންޔާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޔޫ.އޭ.އީގެ ރައީސަށް ފޮނުއްވި ސިޓީފުޅެއް އެ ޤައުމުގެ ޚާރިޖީ ވަޒީރާއި ހަވާލުކުރައްވާފައިވާކަމަށް ދިވެހި ޚާރިޖިއްޔާއިން މަޢުލޫމާތުދެއްވައެވެ. އަދި ޔޫ.އޭ.އީގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށްވެސް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.



ރާއްޖެއިން ޔޫ.އޭ.އީއަށް ކަޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރު ޢަބްދުﷲ ޙަމީދު ޚާރިޖީ ވަޒީރުގެ އަރިހުގައި މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މިދަތުރުގެ ތެރެއިން ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މުވައްޒަފުންނާއި، އެޤައުމުގައި އުޅޭ ދިވެހި ރައްޔިތުންނާއިވެސް ޚާރިޖީ ވަޒީރު ދުންޔާ ވަނީ ބައްދަލުކުރައްވާފައެވެ.