3 ރަށެއްގައި މަސް ފިނިކުރެވޭނެ ނިޒާމް ޤާއިމްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވަނީ ގއ. ކޫއްޑޫ، ކ. ކަނޑުއޮތްގިރި އަދި މ. މުލަކުގައި ކޯލްޑް ސްޓޯރޭޖް އެންޑް އެސޯސިއޭޓެޑް އެންސިލަރީ ފެސިލިޓީސް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައެވެ.
މި މަޝްރޫއު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 3 ލޮޓްކަށް ބަހާލައިގެންނެވެ. އެގޮތުން ކޫއްޑޫގައި އިތުރު 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއާއި ޕަވަރ އިމްޕްރޫވްމަންޓްގެ މަސައްކަތާއި ކަނޑުއޮތްގިރީގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއާއި ބްލާސްޓް ފްރީޒިންގް ފެސިލިޓީގެ މަސައްކަތުގެ އިތުރުން މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޑިވެލޮޕް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ފިނޭންސް މިނިސްޓްރީން މިހާރު ވަނީ މި މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ލިމިޓެޑް އިންޓަރނޭޝަނަލް ބިޑިންގ (އެލް.ސީ.ބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ 'ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް' އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
މި ކަން ކުރުމަށް ބޭނުންވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ދައްކަން ޖެހޭއިރު އެ ފުރުޞަތު ވަނީ ޖޫން މަހުގެ 8 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 12000އާއި 35000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ފައިސާ ދައްކަން ޖެހެއެވެ. ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އެހެން ހަރުފަތަކަށް ގެންދިޔުމަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ ވަޞީލަތާއި ޖާގަ ނެތުމެވެ. މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސްކިރުވުމުގައި ހުރި ކެޕޭސިޓީގެ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.