ކުޅިވަރު

ދުނިޔޭގެ ޓޭބަލް ޓެނިސް މުބާރާތުން ރާއްޖޭގެ ދީމާ އާއި ރަފާއަށް ފުރުސަތު


އަންނަ މެއި މަހު ދެކުނު އެފްރިކާގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ފައިނަލްސްއަށް އަންހެން ޑަބަލްސްގައި ރާއްޖޭގެ އެއްވަނަ ޕެއާ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ކޮލިފައިވެއްޖެއެވެ.

ޑާބަންގައި އަންނަ މަހުގެ 20-28 އަށް ކުރިއަށްދާ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) ގެ ދުނިޔޭގެ މުބާރާތުން ދީމާ އާއި ރަފާއަށް ފުރުސަތު ލިބުނީ އަންހެން ޑަބަލްސް އިވެންޓުންނެވެ. މި މުބާރާތަށް ކޮލިފައިވީ މުޅި އޭޝިއާ ބައްރުންވެސް ދެ ޕެއާއެކެވެ. އެއީ ދީމާ އާއި ރަފާގެ ޕެއާގެ އިތުރުން އިންޑިއާގެ ޕެއާއެކެވެ.

ދުނިޔޭގެ މުބާރާތުން ދީމާ އާއި ރަފާއަށް ފުރުސަތު ލިބުނުއިރު، ދީމާ މި ވަގުތު އަންނަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ދިން 2024 ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕާއި، ރާއްޖޭގެ ކުޅިވަރުގެ އައު ޖީލު ބިނާކުރުމަށް ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމުގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީނު ހަދަމުންނެވެ. އަދި ރަފާ އަކީވެސް "އަރުތަ" ޕްރޮގްރާމުގައި ހިމަނާފައިވާ އެތުލީޓެކެވެ.

މި ފަހުން ބައިނަލްއަގުވާމީ ފެންވަރުގައި ޓީޓީގެ ކުޅުންތެރިން ގިނަ މެޑެލްތަކެއް ހޯދާފައިވާއިރު، އޭގެ ތެރޭގައި މިދިޔަ އަހަރު ތުރުކީގެ ކޮންޏާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އަންހެން ޓީމު އިވެންޓުން ހޯދި ލޯ މެޑެލް ފާހަގަކޮށްލެވެއެވެ. އަދި ދީމާ އާއި ރަފާގެ ޕެއާއިން ވަނީ 2019 ވަނަ އަހަރު މޮރިޝަސްގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަން މެޑެލްވެސް ހާސިލުކޮށްފައެވެ.