ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގައި ހުކުރު ދުވަހު ކުޅުނު މެޗުތަކުން އަހިންޝަކާސް، ސީ މާސްޓާސް ލައިންސް އަދި ލަންކާ ލަޔަންސް މޮޅުވެއްޖެއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު ފުރަތަމަ މެޗުން ގްރޫޕް އީގައި ހިމެނޭ އަހިންޝަކާސް މޮޅުވީ އެމްޓީސީސީ-އޭއާ ވާދަކޮށް 47 ލަނޑުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން އަހިންޝަކާސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 123 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ ނުވަ ބޯޅައިން 35 ލަނޑު ހެދި ސަމްޕަތެވެ. ޖަވާބުގައި އެމްޓީސީ-އޭ ކުޅެން އަރައި އަށްވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 76 ލަނޑެވެ.
ހުކުރު ދުވަހުގެ ހަވީރު ކުޅުނު ދެވަނަ މެޗުން ގްރޫޕް އޭގައި ހިމެނޭ ސީ މާސްޓާސް މޮޅުވީ ރެއިންބޯއާ ވާދަކޮށް 55 ލަނޑުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ރެއިންބޯ ނިންމީ ހޮވުމަށެވެ. އެއާއެކު ސީ މާސްޓާސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ ވަނީ 151 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 34 ލަނޑު ހެދި ތަރަންގައެވެ.
ޖަވާބުގައި ރެއިންބޯ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 96 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 15 ބޯޅައިން 26 ލަނޑު އެއްކުރި ބަބިން ޕައުލް ރާޖެވެ.
މީގެ އިތުރުން މި މުބާރާތުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު ތިންވަނަ މެޗުން ގްރޫޕް ބީގައި ހިމެނޭ ލަންކާ ލަޔަންސް މޮޅުވީ ރިޔާނާ ވާދަކޮށް 58 ލަނޑުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ރިޔާން ނިންމީ ހޮވުމަށެވެ. އެއާއެކު ލަންކާ ލަޔަންސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއް ކުޅުންތެރިއަކު ނުބައިވެގެން ވަނީ 150 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 35 ލަނޑު ހެދި ރަޝިކައެވެ.
ޖަވާބުގައި ރިޔާން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 92 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 21 ބޯޅައިން 47 ލަނޑު އެއްކުރި އަޙްމަދު ހަސަނެވެ.
މި ފަހަރުގެ ކޮމްޕެނީ މުބާރާތުގައި 15 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ފަސް ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހެވެ.