ކުޅިވަރު

ދަގަނޑޭގެ ލަނޑުތަކާއެކު ވެލެންސިއާ އަތުން ސަސްއަށް ބޮޑު މޮޅެއް


މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް 2023 ގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެލެންސިއާ އަތުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބޮޑު މޮޅެއް ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗު ސަސްއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.

މިދިޔަ ސީޒަނުގައި ވެލެންސިއާއަށް ކުޅުނު އަލީ އަޝްފާގް (ދަގަނޑޭ) ވަނީ މި މެޗުގައި ސަސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެ އެ ޓީމަށް ދެ ލަނޑު ޖަހައިދީފައެވެ. ވެލެންސިއާއިން ރިލީސް ހޯދައިގެން މި ސީޒަނުގައި ސަސްއަށް ކުޅެން ދަގަނޑޭ ނިންމިއިރު، މިއީ ފުރަތަމަ ޑިވިޝަނުގައި އޭނާގެ ހަވަނަ ކުލަބެވެ.

މީގެ އިތުރުން މި މެޗުގައި ވެލެންސިއާއިން ނެރުނު ފުރަތަމަ އެގާރައިގައި އުމުރުން 14 އަހަރުގެ އީތަން އިބްރާހިމް ޒަކީ ހިމެނިއިރު، ދެވަނަ ހާފުގައި އުމުރުން 14 އަހަރުގެ މުޙައްމަދު އިލާން އިމްރާންވެސް ވަނީ ކުޅެން ނުކުމެފައެވެ. އެއާއެކު އިލާން ވެފައިވަނީ ފުރަތަމަ ޑިވިޝަނުގެ މުބާރާތެއްގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

މި މެޗު ފަށައިގެން ފަސް ވަަނަ މިނެޓުގައި ދަގަނޑޭ ސަސައަށް ލީޑު ނަގައިދިންއިރު، އޭގެ ދެ މިނެޓު ފަހުން އިބްރާހީމް އަތީގް ހަސަން (އިއްބެ) ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ސަސްއިން ތިންވަނަ ލަނޑު ޖެހީ މެޗުގެ 58 ވަނަ މިނެޓުގައެވެ. ކޯނަރަކުން ި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސަޚާއުއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ދަގަނޑޭ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކާއެކު ސަސްގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. މި މެޗުގައި ސަސްއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަޙްމަދު ހަމީދު (އައްމަޑޭ) އެވެ.

މި މޮޅާއެކު ސަސްއަށް ވަނީ ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައެވެ. މި ފަހަރުގެ މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، ދެ ގްރޫޕަކަށް ވަނީ ބަހާލާފައެވެ. ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ތިން ޓީމެވެ.