ޚަބަރު

ސަރުކާރާއެކު ރައްޔިތުން ތިބިކަން ހާމަވެއްޖެ: ރައީސް


ސަރުކާރާއެކު ރައްޔިތުން ތިބިކަން ހާމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމް.ޑީ.ޕީގެ ކެންޑިޑޭޓް ކާމިޔާބުކުރެއްވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓުގައި ވަނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އެމް.ޑީ.ޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަން މި އިންތިޚާބުން ހާމަވެފައިވާކަމަށެވެ. އަދި ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމް.ޑީ.ޕީއަށް ކާމިޔާބުވުމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އެމް.ޑީ.ޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒު ކާމިޔާބުކުރެއްވީ، އިންތިޚާބުގައި ވޯޓުލީ މީހުންގެ %48.8 ވޯޓާއެކުއެވެ. އެއީ ޖުމްލަ 1346 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ކ. ގުރައިދޫ، ޝީވީޑް، ޙުސައިން ރިޟާ އާދަމަށެވެ. ރިޟާއަށް ލިބިވަޑައިގަތީ ޖުމްލަ 1226 ވޯޓެވެ.

މި އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮށި ބެހެއްޓެވިއެވެ. އެއީ، ގުރައިދޫގައި 2 ވޯޓު ފޮށި، މާފުށީގައި 2 ވޯޓުފޮށި، ގުޅީގައި 1 ފޮށީގެ އިތުރުން އެދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބެހެއްޓި 1 ވޯޓު ފޮއްޓެވެ.