ޚަބަރު

ކުލީ ބިމުގެ މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ބިންކުއްޔަށް ދޭ ފަރާތަށް


ދިރިއުޅުން ނޫން ބޭނުންތަކަށް ކުއްޔަށް ދޫކުރާ ބިމުގެ މުއްދަތު ހަމަވުމުން، ބިން ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމުގެ އިޚްތިޔާރު ބިން ދޫކުރާ ފަރާތަށް ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

ދިރިއުޅުމަށް ނޫން އެހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާޢިދު ކުރިން އޮންނަގޮތުން ބިމުގެ މުއްދަތު ހަމަވުމުން އެ މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ހަމައެކަނި ލިބިގެންވަނީ ޕްލޭނިންގ މިނިސްޓްރީއަށެވެ.

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވައިދު ކުރިން އޮންނަގޮތުން ބިމެއްގެ މުއްދަތު އިތުރުކުރުމަށް އެދި ބިން ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ބިމާ ޙަވާލުވި ފަރާތުން ހުށަހަޅައިފިނަމަ، އެ ފަރާތުން މުއްދަތު އިތުރުކުރުމަށް ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކޮށްގެން އެސެސްމަންޓެއް ހަދަންޖެހެއެވެ. އަދި އެ އެސެސްމަންޓްގެ ނަތީޖާއަށް ބަލައިގެން، ބިން ދޫކޮށްފައިވާ މުއްދަތުގެ %50 އަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިން މުއްދަތު އިތުރުކޮށް ދިނުމުގެ އިޚްތިޔާރު ލިބިގެންވަނީ ޕްލޭނިންގ މިނިސްޓްރީއަށެވެ.

ނަމަވެސް ޤަވައިދަށް ގެނައި އިޞްލާޙްގައި ވަނީ އެސެސްމަންޓްގެ ނަތީޖާއަށް ބަލައިގެން، ބިން ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމުގެ އިޚްތިޔާރު ބިން ދޫކުރާ ފަރާތްތަށް ލިބޭގޮތަށް ހަމަޖައްސައިފައެވެ.

މި އެސެސްމަންޓްތައް ހަދާއިރު ބިމުގައި ކޮށްފައިވާ އިންވެސްޓްމަންޓް ރައްކާތެރިކުރުމަށާއި، މުއްދަތު އިތުރުކުރުމަށް އެދިފައިވާ ބިމުގައި ކޮށްފައިވާ އިންވެސްޓްމަންޓުގެ ސަބަބުން އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނޭ މަންފާތައް ހިމަނަންޖެހެއެވެ. މީގެ އިތުރަށް
އިތުރުކުރުމަށް އެދިފައިވާ މުއްދަތުގެ ތެރޭގައި، ސަރުކާރުގެ ތަރައްޤީގެ ޕްލޭންގައި އެ ބިމުގައި ކުރުމަށް ކަނޑައަޅާފައިވާ ބޭނުންތައްވެސް އެސެސްމަންޓްގައި ހިމަނަންޖެހެއެވެ. އަދި މި އެސެސްމަންޓްގައި ބިން ދޫކޮށްފައިވާ މުއްދަތުގެ ތެރޭގައި ބިމުގެ ބޭނުންކޮށްފައިވާ މިންވަރުވެސް ހިމަނަން ޖެހެއެވެ.

ކުރިން މި ޤަވާޢިދުގައި ދޫކުރާ ބިމެއްގެ މުއްދަތު އިތުރުކުރެވޭނީ އެންމެ ފަހަރަކު ކަމުގައި ބަޔާންކޮށްފައިވީނަމަވެސް އަލަށް ގެނައި އިޞަލާޙުގައި މި މުއްދަތު ވަނީ ކަނޑާލާފައެވެ. އަދި ބީލަމުގެ އުޞޫލުން ބިން ކުއްޔަށް ދޫކުރުމަށް ކުރާ އިޢުލާނުގައި މުއްދަތު އިތުރުކުރެވޭނެ އެންމެ ގިނަ މިންވަރު ބަޔާންކުރަންޖެހެއެވެ.

މި ޤަވައިދުގައިވާ ގޮތުން ދޫކުރާ ބިމެއްގެ މުއްދަތު އިތުރުކުރާއިރު އެއިރެއްގެ މާރކެޓް ރޭޓަށާއި، ބިމުގެ ކުއްޔަށް ބަދަލުގެނައުމުގެ ބާރު ޕްލޭނިންގ މިނިސްޓްރީއަށް ލިބިގެންވެއެވެ.