އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ތިންވަނައަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފިއެވެ.
ފޮރެސްޓްގެ ދަނޑުގައި ކުޅުނު މިމެޗް ޔުނައިޓެޑް ކާމިޔާބުކުރީ ދެ ލަނޑު ސުން ލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑެވެ. މިމެޗްގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އެންތަނީއެވެ. މިއީ އެންތަނީ މާޝިއަލްގެ މަސައްކަތުން އުފެއްދި ހަމަލާއެއްގައި އެންތަނީ ކާމިޔާބުކުރި ލަނޑެކެވެ.
މިމެޗްގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި އެންތަނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރީ ޑިއޮގޯ ޑާލޮޓްއެވެ. މިމެޗްގައި މީގެއިތުރުންވެސް ދެޓީމަށް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބިގެންދިޔަކަން ފާހަގަކޮށްލެވުނެވެ. މިމެޗްގައި އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ފެނިގެން ގޮސްފައެއް ނުވެއެވެ.
މިކާމިޔާބީއާއެކު ޔުނައިޓެޑް މިހާރު މިވަނީ ކުޅުނު 30 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ކުރިން ތިންވަނައިގާ އޮތް ނިއުކާސްލް ޔުނައިޓެޑައި ދެމެދު މިހާރު ތިން ޕޮއިންޓްގެ ލީޑެއްވެސް ވަނީ ނަގާފައެވެ. އަދި ފަސްވައިގާ އުޅޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެމެދު ހަ ޕޮއިންޓްގެ ތަފާތު ހުރުމުގެ އިތުރުން ޔުނައިޓެޑް ވަނީ އެއްމެޗް މަދުންވެސް ކުޅެފައެވެ. މީގެ އިތުރުން މިމެޗުން ބަލިވުމުން ފޮރެސްޓް މިހާރު އުޅެނީ 27 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.