މޮންޓެ-ކާލޯ މާސްޓާސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ރަޝިއާގެ އަންޑްރޭ ރުބްލޭވް ހޯދައިފިއެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން ރުބްލޭވް ހޯދީ ފައިނަލްގައި ޑެންމާކްގެ ޒުވާން ކުޅުންތެރިޔާ ހޮލްގާ ރޫންއާ ބައްދަލުކޮށް ދެ ސެޓް އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ދެކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ރުބްލޭވް ކާމިޔާބުކުރީ ފަހެއް ހަތެއް، ހައެއް ދޭއް އަދި ހަތެއް ފަހަކުންނެވެ. މިމެޗްގެ ފަހުސެޓްގައި ރުބްލޭވް ވަކި ހިސާބެއްގައި ހަތަރެއް އެކަކުން ފަހަތުގައިވެސް އޮތެވެ. ނަމަވެސް އޭނާވަނީ ދެ ބްރޭކް ޕޮއިންޓް ސޭވްކޮށް ރޫންއާއި އެއްވަރުކޮށް މިސެޓް ކާމިޔާބުކޮށްފައެވެ.
މިއީ ރުބްލޭވް ކާމިޔާބުކުރި އޭޓީޕީގެ 13 ވަނަ މުބާރާތް ނަމަވެސް މިއީ މާސްޓާސް ވަންތައުޒަންޑުގެ ފުރަތަމަ ކާމިޔާބީއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ރޫބްލޭވް ބުނީ އޭނާއަށް ބުނާނެ އެއްޗެއްވެސް ނޭނގޭ ކަމަށެވެ. އަދި ފަހު ސެޓްގައި ހަތަރެއް އެކަކުން ފަހަތުގައި އޮވެ ދެން ކުޅުނު ގޭމްގައިވެސް ސުމެން ތިރީހުން ފަހަތުގައި އޮތުމުން މިމެޗުން މޮޅުވާނެކަމަށް އެއްވެސް ވަރަކަށް އުންމީދު ނުކުރާކަމަށްވެސް ބުންޏެވެ.
ރޫބްލޭވްވަނީ މީގެ ކުރިންވެސް މާސްޓާސް ވަންތައުޒަންޑްގެ ދެ މުބާރާތެއްގެ ފައިނަލްގައި ކުޅެ ބަލިވެފައެވެ. އެއީ 2021 ވަނަ އަހަރުގެ މޮންޓެ-ކާލޯ މުބާރާތާއި ސިންސިނާޓީ މުބާރާތެވެ.