ޚަބަރު

8 އަހަރުތެރޭ ތެލަސީމިއާގެ 95 ކުދިން، ޢަދަދުތައް ދަށަށް


ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 16 އިންސައްތަ މީހުންނަކީ ތެލަސީމިއާ ކެރިއެރުންނެވެ. މިހާރު މި ޢަދަދުގައި ހުރިނަމަވެސް ވިސްނާނުލާ ތިބެއްޖެނަމަ މި ޢަދަދު އިތުރުވެެގެން ހިނގައިދާނެކަމުގެ ބިރު އެބައޮތެވެ.

ތެލަސީމިއާ ކުދިންގެ ގޮތުގައި އުފަންވާ ކުދިން މަދުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކަމާއި ގުޅުން ހުރި ފަރާތްތައް ގުޅިގެން އަންނަނީ ކުރަމުންނެވެ. މިގޮތުން ކައިވެނި ކުރުމުގެ ކުރިން ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކުގެ ސަބަބުން އުފަންވާ ތެލަސީމިއާ ކުދިންގެ ޢަދަދު ދަށަށްދާން ފަށާފައިވާކަމަށް ތެލަސީމިއާ ސެންޓަރުން ހާމަކުރެއެވެ.

ތެލެސީމިއާއަކީ ލޭގައިވާ އާދަޔާ ޚިލާފު ކަމެކެވެ. މިއީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާކަމެކެވެ. ބަލީގައި ވާގޮތަކީ ލޭގައި ހިމެނޭ ހިމޮގްލޮބިން ފުރިހަމައަށް އުފައްދާ ނުދެނީއެވެ. ހީމޮގްލޮބިން އަކީ ލެއަށް ރަތްކުލަ ގެނެސްދީ އަދި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާއެވެ. މި މާއްދާ އުފެދިފައިވަނީ ދެ ބީޓާ އަދި ދެ އަލްފާ ޗެއިން ގުޅިގެންނެވެ. ބީޓާ ޗެއިން އުނިވުމުން ވަނީ ބީޓާ ތެލްސީމިއާ އަށެވެ. އަލްފާ ޗެއިން އުނިވުމުން ވަނީ އަލްފާ ތެލެސީމިއާ އަށެވެ. މީގެތެރެއިން ދިވެހިރާއްޖޭގައި އެންމެ ޢާންމު ވައްތަރަކީ ބީޓާ ތެލެސީމިއާއެވެ.

ރާއްޖޭގައި ޤަވައިދުން ލޭ އަޅަން ޖެހޭ ކުދިންގެ ގޮތުގައި 936 ކުއްޖަކު ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 663 ކުދިންނެވެ. މި ކުދިންގެ ތެރޭގައި 325 ކުދިން ދިިރިއުޅެމުން އަންނަނީ މާލެ ސަރަޙައްދުގައެވެ.

ސޮސައިޓޯ ފޯރ ހެލްތު އެޑިއުކޭޝަން، ޝީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2016 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ތެލަސީމިއާ ކުދިންގެ ގޮތުގައި 95 ކުދިން އުފަންވެފައި އެބަތިއްބެވެ. އޭގެ ތެރެއިން އެންމެ ގިނައީ އަންހެން ކުދިންނެވެ. އެއީ 49 އަންހެންކުދިންނެވެ. އަދި 46 ކުދިންނަކީ ފިރިހެންކުދިންނެވެ.

މި މުއްދަތުގައި އުފަންވި ކުދިންގެ ތެރެއިން އެންމެ ގިނައިން ތެލަސީމިއާ ކުދިން އުފަންވެފައިވަނީ 2016 އާއި 2021 ވަނަ އަހަރުގައެވެ. 2016 ވަނަ އަހަރު 17 ކުދިން އުފަންވިއިރު 2021 ވަނަ އަހަރު އުފަންވެފައިވަނީ 19 ކުދިންނެވެ. މި މުއްދަތުގެ ތެރޭގައި ތެލަސީމިއާ ކުދިންގެ ގޮތުގައި އެންމެ މަދުން ކުދިން އުފަންވެފައިވަނީ 2020 ވަނަ އަހަރުގައެވެ.އެއީ 5 ކުދިންނެވެ. 2022 ވަނަ އަހަރު 14 ކުއްޖަކު އުފަންވިއިރު މި ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ތެލެސީމިއާ ކުދިންގެ ގޮތުގައި އުފަންވެފައިވަނީ 4 ކުއްޖެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވިއަން ބްލަޑް ސަރވިސަސް، އެމް.ބީ.އެސްގެ އެސޯސިއޭޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު ވިދާޅުވީ، ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ކުރާ ނިސްބަތް، ކުރިއާ އަޅާބަލާއިރު މާ ބޮޑަށް އިތުރު ނުވާ ކަމަށާއި، ބަލި ކުދިން އުފަންވާ ނިސްބަތްވެސް ވޭތުވެދިޔަ އަހަރުތަކުގައި ދަށް ކުރެވިފައިވާ ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، ހޭލުންތެރިކުރުމަށް މި ފަހުން ހިންގަން ފެށި ޕްރޮގްރާމްތައްކަން ޑރ. އުމަރު ފާހަގަކުރެއްވިއެވެ.

އެގޮތުން ދެ ކެރިއަރުން ކައިވެނި ކުރާނަމަ، ހޭލުންތެރިކުރުވުމުގެ ސެޝަންތައް ނެގުމަށް ފެމެލީ ކޯޓުން، އެމްބީއެސް އަށް ފޮނުވައެވެ. 2017 ގައި މި ޕްރޮގްރާމް ފެށި ފަހުން، ލޭއަޅާ ކުދިން ލިބޭ މިންވަރު މަދުވިކަން އޭނާ ފާހަގަކުރެއްވިއެވެ. ޑރ. އުމަރު ވިދާޅުވީ، 2021 ވަނަ އަހަރު ލޭ އަޅާ ކުދިންގެ ޢަދަދު އިތުރުވެފައިވަނީ ކޯވިޑްގެ ސަބަބުން ޤައުމު ލޮކްޑައުންއަކަށް ދިޔަ ހިސާބުންކަމަށެވެ.

"ތެލަސީމިއާ ބަލި ކުދިން އުފަންވާ މިންވަރު މަދު ކުރުމަށް ނުވަތަ ކޮންޓްރޯލް ކުރުމަށް މުޅި މުޖުތަމައު އެކަމަށް ހޭލުންތެރިވާންޖެހޭ. މުޅި މުޖުތަމައުގެ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވޭ. ބަލި ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ ކަމަކީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތުގައި ތެލަސީމިއާއަށް ސަމާލުކަން ދިނުން. އެގޮތުން, ޒަވާޖީ ހަޔާތެއް ފަށަން ވިސްނުމުގެ ކުރިން ތެލަސީމިއާއަށް ޓެސްޓުކޮށް, އެ ނަތީޖާއަށް ބަލާ ޒަވާޖީ ހަޔާތް ރާވާލުން މުހިއްމު" ޑރ. އުމަރު ވިދާޅުވިއެވެ.

ދެ ކެރިއަރުންނަށް ތެލަސީމިއާ ކުއްޖެއް ލިބުމުގެ %25 ފުރުޞަތު އޮވެއެވެ. ކުއްޖާ މަންމަގެ ބަނޑަށް 8-12 އާ ހަފުތާއާ ދެމެދު ޓެސްޓު ހަދައިގެން ކުއްޖާގެ ބަލިހުރިތޯ ބެލެއެވެ. އެހެންނަމަވެސް މި ޓެސްޓް ރާއްޖެއިން އަދި ހެދޭކަށް ނެތެވެ. މިއީވެސް ކަންބޮޑުވާކަމެކެވެ.

ރާއްޖޭގައި މިހާރު ތެލެސީމިއާ ކުދިން ދުނިޔޭގައި ތިބޭ ނިސްބަތް މައްޗެވެ. އެގޮތުން 30 އިން މަތީގެ އުމުރުގެ ލޭއަޅާ މީހުން ތިބިއިރު، ބައެއް މީހުން ވަނީ ޒަވާޖީ ހަޔާތެއް ފަށައި، ދަރިންވެސް ހޯދާފައެވެ. އެއީ ބޭހާއި ދޭ ފަރުވާގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން އައި ބަދަލެއް ކަމަށް އެމް.ބީ.އެސްއިން ބުނެއެވެ. އެކަމަކު އުމުރުން މަތިވާ ވަރަކަށް، ލޭ އަޅަން ޖެހޭ މިންވަރާއި ދޭ ފަރުވާތައް ވެސް އިތުރުކުރަން ޖެހޭނެއެވެ.