ޚަބަރު

ތުލުސްދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ފަށަނީ


މާލެއަތޮޅު ތުލުސްދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.

ތުލުސްދުއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ހިންގަވާ މި މަޝްރޫޢަކީ 36.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ އެއް ރަށަކީ ތުލުސްދުއެވެ. ނަމަވެސް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައިގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ރީތިކަން ގެއްލި، ފަތުރުވެރިކަމަށް ވެސް ދަނީ ނޭދެވޭ އަސަރުކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ އެރަށު އިރުމަތީ ފަރާތުން މިހާރުވެސް ގާތްގަނޑަކަށް 75 ފޫޓް ގިރައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެސަރަޙައްދުގައި ހުރި ދުވަސްވެފައިވާ ބައެއް ގަސްތައްވެސް ނެތިގެންގޮސްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކައުންސިލް ރައީސް ވިދާޅުވީ ގިރާ ސަރަޙައްދުގައި ގިނަ އަދަދެއްގެ ގެސްޓްހައުސްވެސް އެބަހުރިކަމަށާއި ބައެއް ގެސްޓްހައުސްތަކާއި ގިރާ ސަރަޙައްދާ ދެމެދު މިހާރު ހުރީ ގާތްގަނޑަކަށް 30 ފޫޓްކަމަށެވެ.

"ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އެ ސަރަޙައްދުގެ ބޮޑު ބައެއް ވަނީ ގިރާފައި. އޭރު ގިރަންފެށި ބާރުމިނުގައި ގިރިނަމަ މިހާރު އެތާ ހުރި ގެސްޓްހައުސްއަށް ވެސް ގެއްލުންވާނެ. ރަށުގެ ހުޅަނގު ފަރާތްވެސް މިހާރު ވަނީ ވަރަށް ބޮޑަށް ގިރަން ފަށާފައި. ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވިއެވެ.

ތުލުސްދުއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމުގެ މަޝްރޫޢު ސަރުކާރުން ޙަވާލުކުރެއްވީ ދިވެހި ކުންފުންޏެއް ކަމަށްވާ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫއުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤްއެވެ. އަދި މަޝްރޫޢު ކުރިއަށް ގެންދާ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒަމީރުއެވެ.

36.1 މިލިއަން ރުފިޔާގެ މި މަޝްރޫޢު ސަރުކާރުން އެ ކުންފުންޏާ ޙަވާލުކުރީ ކުރިއަށް އޮތް 4 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ތުލުސްދޫ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އެރަށު އިރުމަތީ ފަރާތުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް 70 މީޓަރުގެ ބޮޑުހިލައިގެ 6 ބްރޭކްވޯޓާއަކާއި 50 މީޓަރުގެ ބޮޑުހިލައިގެ 2 ވައި-ގްރޮއިން ޖެހުމަށް ވަނީ ނިންމާފައެވެ. އަދި 170 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއްވެސް ހަދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ފަތުރުވެރިކަން ކުރިއަރަމުންދާ ތުލުސްދޫގެ ގޮނޑުދޮށް ވެލިން މުއްސަނދިކުރުމަށް ވެސް މަސައްކަތްތަކެއް ކުރިއަށް ގެންދާނެއެވެ.