ހައްޖު ކޯޕަރޭޝަނުން ހައްޖަށް މީހުންގެ ގެންދިއުމުގައި ދައުލަތުގެ ބަޖެޓުން 2019 ވަނަ އަހަރު އެއްވެސް ޚަރަދެއް ކޮށްފައިނުވާނޭ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަޒް ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ ޙައްޖު ދަތުރުތަކުގައި ޙައްޖު ކޯޕަރޭޝަނުން މައްކާ އާއި މަދީނާ ހޮޓަލަށް 2019 ވަނަ އަހަރު ކުރި ޚަރަދުގެ ތަފްސީލާއި ހައްޖަށް ދިއުމަށް އާއްމުން ދެއްކި ފައިސާއާއި ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުގެ ތަފްސީލް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ލިއުމުން ދެއްވި ޖަވާބުގައެވެ.
މަޖިލީހަށް ލިޔުމުން ދެއްވި ޖަވާބުގައި އިސްލާމިކް މިނިސްޓަރ ވިދާޅުވީ ޙައްޖު ދަތުރުގައި މައްކާ ހޮޓަލުގައި ހޭދަކުރި 28 ދުވަހަށް ހައްޖު ކޯޕަރޭޝަނުން މައްކާގެ ހޮޓަލަށް 34.5 މިލިއަން ރުފިޔާ، މަދީނާ ހޮޓަލުގައި ހޭދަކުރި 2 ދުވަހަށް 3.5މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އަދި ހައްޖު ދަތުރުގައި މުތައްވިފަށް 16.2 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހައްޖު ދަތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރައްވާފައި ނުވާ ކަމަށެވެ.
2019 ވަނަ އަހަރު ރާއްޖެއަށް ލިބުނު ރަސްމީ 1000 ކޯޓާގެ އިތުރަށް އިތުރު 1000 ކޯޓާ ލިބުނެވެ. އޭގެ ތެރެއިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދިނުމަށްފަހު ބަކީ ކޯޓާތައް އެއަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދީފައިވާ ކުންފުނިތަކަށް ބަހާލިއެވެ. އެއަހަރު 6 ގުރޫޕަކުން ޙައްޖަށް މީހުން ގެންދިޔައެވެ. 2019 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް ގެންދިޔަ މީހުންގެ ތެރޭގައި 1434 ވަނަ އަހަރު މަލީޝާ ޖަމާއަތަށް ފައިސާ ދައްކާ ޙައްޖަށް ދެވިފައިނުވާ ފަރާތްތައް ހިމެނެއެވެ. އެމީހުން ޙައްޖަށް ފޮނުވާފައިވަނީ އެއަހަރު އިސްލާމިކް މިނިސްޓްރީއަށް ރިޒާވްކޮށްފައިވާ ކޯޓާގެ ތެރެއިންނެވެ.