ޚަބަރު

އުމްރާއަށްދިޔަ އެއްވެސް ދިވެއްސަކު ރާއްޖެ ނާދެވި، ހާލުގައި ޖެހޭނެފަދަ ހާލަތަކަށް ނުދާނެ: މިނިސްޓަރ


ޙައްޖު އަދި ޢުމްރާ ޖަމާއަތަކަށް ދިމާވާ މައްސަލައެއް ނުވަތަ އެ ޖަމާއަތަކުން ކުރާކަމަކުން އެއްވެސް ދިވެހި ރައްޔިތަކު ރާއްޖެ ނާދެވި، ހާލުގައި ޖެހޭނެފަދަ ހާލަތަކަށް ނުދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި ރާއްޖެއިން އުމްރާގެ އަޅުކަން އަދާކުރުމަށް މިހާރު ސައުދީގައި ތިބި ދިވެހިންނަށް ރާއްޖެ އައުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި މިއަހަރުގެ ރަމަޟާންމަހު 138 މީހަކު އުމްރާއަށް ގޮސްފައިވެއެެވެ. އަދި އެމީހުން އުމްރާއަށް ގެންދަން ފްލައިޓް ޗާޓަރު ކުރި ދިވެހި ކުންފުންޏަށް އެއްލައްކަ ސާޅީސް ހާހަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހެއެވެ. ނަމަވެސް އަލް މަޝްއަރު ގްރޫޕުން އެ ފައިސާ ދައްކަން ދިން ދެ ޗެކްވެސް ވަނީ ބައުންސް ވެފައެއެވެ. އެކަމާއި ގުޅިގެން އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ 138 މީހުން އަނބުރާ ރާއްޖެ އައުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް މިހާރު ވަނީ ބެލެވެން ފަށާފަައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވީ އަލް މަޝްއަރު އުމްރާ ގުރޫޕުން "ޓްރެވެލް 2 މޯލްޑިވްސް"އަށް ދޫކުރި ދެ ޗެކް ބައުންސްވި މައްސަލަ މިނިސްޓްރީން ބަލަމުން އަންނަކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިވަގުތު އެ ޤުރޫޕްގެ ހުރިހާ އިސްވެރިން މައްކާގައި ތިބުމުގެ ސަބަބުން ސަޢުދީގައި ތިބި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުން މެދުވެރިކޮށް އެ ޖަމަޢާތުގެ އިސްވެރިންނާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެއަރލައިނަށް ދަންކަންޖެހޭ ފައިސާ ދައްކާ ޚަލާސްކޮށް، އުމްރާއަށް ގޮސް ތިބި ދިވެހިން ގެނެވޭނެ އިންތިޒާމް ހަމަޖައްސެމަށް އެ ގްރޫޕަށް އަންގާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ ޤުރޫޕުން އުމްރާވެރިން ރާއްޖެ ނުގެނެވޭނެ ހާލަތެއްް މެދުވެރިވި ނަމަވެސް އުމްރާވެރިން ހާލުގައި ޖެހުނަ ނުދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާކަމަށެެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ މަޝްއަރު ގުރޫޕްގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަކަމަށެވެ. އެގޮތުން ސައޫދީ އެއާލައިންސްގެ ފްލައިޓެއްގައި އެ ގުރޫޕުން ގެންދިޔަ 70 ވަރަކަށް މީހުންގެ ރިޓާން ޓިކެޓްގެ ފައިސާ ނުދައްކާ މައްސަލަވެސް އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައޫދީ އެއާލައިންސަށްވެސް މަޝްއަރު އުމްރާ ގުރޫޕުން 90 ހާސް ޑޮލަރު ދައްކަން ޖެހެއެވެ.

މަޝްއަރު ގުރޫޕާއި ގުޅޭގޮތުން ގިނަ މައްސަލަތަކެއް ފާހަގަވަމުންދާއިރު އިސްލާމިކް މިނިސްޓަރ ވިދާޅުވީ މި މައްސަލަތަކާއި ގުޅިގެން އޮންނަ އުސޫލުތަކުގެ ދަށުން އަަޅަންޖެހޭ ފިޔަވަޅުތައް އެ ގުރޫޕަށް އަޅާނެކަމަށެވެ.

މަޝްއަރު ގުރޫޕުން އެއަރލައިންތަކަށް ފައިސާ ނުދައްކާ މައްސަލައިގައި އެ ގުރޫޕްގެ ބަހެއް ހޯދުމަށް ޕީއެސްއެމް ނިއުސްއިން ތަކުރާރުކޮށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.