ކުޅިވަރު

ވެޓެރަންސް ލީގު: ހުޅުމާލެ ވެޓެރަންސް އާއި ދަ ގްރާންޑޭ ފައިނަލަށް


ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ކުރިއަށްދާ "ސްޓެލްކޯ އެފްއޭއެމް ވެޓެރަންސް ލީގު 2023" ގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ދަތުރުކޮށްފިއެވެ.

ފައިނަލުގެ ޖާގައެއް ހުޅުމާލެ ވެޓެރަންސްއިން ހޯދީ އެފްއޭއެމް އެއް ނަންބަރު ޓާފް ދަނޑުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިދިޔަ އަހަރު ފައިނަލުގައިވެސް ހުޅުމާލެ ވެޓެރަންސްއިން ވަނީ ހަމަ މި ނަތީޖާއިން އެމްއެސް މޭޓްސް ބަލިކޮށްފައެވެ.

އަންގާރަ ދުވަހު ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ފިޒިކަލް އަދި ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކޮށްފައިވަނީ މެޗުގެ 19 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި ބަދަލަކަށް ކުޅެން ނުކުތް އަދި މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ކުޅުނު އަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓެ) އެވެ.

މީގެ އިތުރުން ފައިނަލުގެ ޖާގައެއް ދަ ގްރާންޑޭއިން ހޯދީ އެފްއޭއެމް ދެ ނަންބަރު ޓާފް ދަނޑުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި ހުއްރިއްޔާ އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ދަ ގްރާންޑޭއިންނެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިބްރާހީމް ޝަރީފެވެ. އެކަމަކު އޭގެ ހަތް މިނެޓު ފަހުން ހުއްރިއްޔާގެ ކެޕްޓަން މައުސޫމް އަބްދުލް ގަފޫރު ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ދަ ގްރާންޑޭއިން އަލުން ލީޑު ނެގީ މެޗުގެ 41 ވަނަ މިނެޓުގައި އަލީ ނާޝިދު ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ 10 މިނެޓު ފަހުން ހުސެއިން ޝަރީފް ވަނީ އިތުރު ލަނޑެއް ޖަހައި، ދަ ގްރާންޑޭގެ ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ޕެނަލްޓީ އަކުން ހުސެއިން ނަސީރު ވަނީ ލަނޑެއް ޖަހައި، ހުއްރިއްޔާއަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މުބާރާތުގެ ފައިނަލުގައި ހުޅުމާލެ ވެޓެރަންސް އާއި ދަ ގްރާންޑޭ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރެވެ.