ޚަބަރު

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ އިޢުލާންކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް މެމްބަރަކު އިންތިޚާބުކުރައްވަން ބޭއްވެވި ބައި-އިލެކްޝަންގެ ދާއިމީ ނަތިޖާ އިޢުލާންކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އިޢުލާންކުރެއްވި ދާއިމީ ނަތީޖާއާއި ކުރިން ޢިއުލާންކުރެއްވި ވަގުތީ ނަތީޖާގައި ތަފާތެއް ނެތެވެ.

މި ބައި-އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒްއެވެ. މި އިންތިޚާބުގައި އޭނާއާ ވާދަކުރެއްވީ ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޟާ އާދަމް އާއި، އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ ޢާރިފްއެވެ.

ދާއިމީ ނަތީޖާގައިވާ ގޮތުން ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒަށް ވަނީ 1346 ވޯޓު ނުވަތަ ވޯޓްލީ މީހުންގެ %49.96 އިންސައްތަ ހޯއްދަވައިފައެވެ. ޕީޕީއެމްގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 1226 ވޯޓު ނުވަތަ %45.51 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 122 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ %4.53 އެވެ.

އިންތިޚާބުގައި ޖުމްލަ 2755 މީހުން ވަނީ ވޯޓުލާފައެވެ. އޭގެތެރޭގައި 1431 ފިރިހެންނުންނާއި 1324 އަންހެނުން ހިމެނެއެވެ. ބާޠިލު ވޯޓުގެ އަދަދަކީ 61 އެވެ.

އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮށި ބެހެއްޓެވިއެވެ. އއީ ގުރައިދޫގައި 2 ވޯޓު ފޮށި، މާފުށީގައި 2 ވޯޓުފޮށި، ގުޅީގައި 1 ފޮށީގެ އިތުރުން އެދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބެހެއްޓި 1 ވޯޓު ފޮށްޓެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަވައިފައި ވަނީ އެދާއިރާގެ ގޮނޑި ތިން ދައުރު ފުރުއްވި ޕީޕީއެމްގެ އިބްރާހީމް ރިޟާ މިދިޔަ ފެބުރުއަރީމަހު އަވަހާރަވުމާ ގުޅިގެންނެވެ. އަދި މިއީ އެމްޑީޕީން މިގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެެވެ.