ކުޅިވަރު

ފަހަތުން އަރައި ސަސް ބަލިކޮށް އީގަލްސް ސެމީގެ އުއްމީދުގައި


މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް 2023 ގައި ފަހަތުން އަރައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ސެމީ ފައިނަލުގެ ފުރުސަތު ކުލަބު އީގަލްސްއިން ބޮޑުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު ގްރޫޕް އެކެެއްގެ މެޗުން އީގަލްސް މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ސަސްއިން ވަނީ ދެ ލަނޑު ޖަހާފައެވެ. އެގޮތުން މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ސަސްއިން ލީޑު ނެގިއިރު، އައިހަމް އަޙްމަދު (އައިހޫ) ނަގައިދިން ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

އޭގެ ފަހުން މެޗުގެ 25 ވަނަ މިނެޓުގައި ދަގަނޑޭއަށް އީގަލްސްގެ ގޯލްކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ކުރި ފައުލަކާ ގުޅިގެން ސަސްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދިނީ އައިހަމެވެ. އަދި މި ފައުލާ ގުޅިގެން ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގައި މޮޅު ކުޅުމެއް ދައްކަމުން އައި ދަގަނޑޭ ވަނީ 28 ވަނަ މިނެޓުގައި ބަދަލުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި އީގަލްސްއިން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުން ވަނީ އަށް މިނެޓު ތެރޭ ތިން ލަނޑުު ޖަހައި ނަތީޖާ އަނބުރާލާފައެވެ. އެގޮތުން އީގަލްސްއިން ފަރަގު ކުޑަކޮށްފައިވަނީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން ނުކުތް އަޙްމަދު ރިޒްވާން (ރިޒޭ) ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް އިވާން ކާލޯސްއެވެ.

އޭގެ ފަހުން މެޗުގެ 71 ވަނަ މިނެޓުގައި ހާފުގެ މެދަކާ ހަމައިން ރިޒޭ ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، އޭގެ މިނެޓެއް ފަހުން ބަދަލަކަށް ކުޅެން ނުކުތް އިބްރާހީމް މުބީން (މުއްކި) ދިން ބޯޅައަކުން އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ވަނީ ލަނޑެއް ޖަހައި އީގަލްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 75 ވަނަ މިނެޓުގައި އަބްދުﷲ ހަނީފު (ބެންޖޯ) ތަނަވަސްކޮށްދިން ފުރުސަތަކުން އީގަލްސްއަށް ލީޑު ނަގައިދިނީ އިމްރާން ނަޝީދު (އިންމަ) އެވެ.

މި މެޗުގައި އީގަލްސްއިން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިޒޭއެވެ. މިއީ އޭރިއާ ތެރެއިން ރިޒޭއަށް ސަސްގެ ގޯލްކީޕަރު ޔޫސުފް މީސަމް އަބްދުﷲ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. އެ ފައުލާ ގުޅިގެން ރެފުރީ ވަނީ މީސަމަށް ރަތް ކާޑެއްވެސް ދައްކާފައެވެ. އެއާއެކު މެޗުގެ ފަހުކޮޅު ސަސްގެ ގޯލު ބެލެހެއްޓީ މިޑްފީލްޑަރު އަޙްމަދު ހަމީދު (އަންމަޑޭ) އެވެ.

މި ނަތީޖާއާއެކު އީގަލްސް އާއި ސަސްއަށްވެސް މިހާާތަނަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުން ސެމީއަށް ދާނެ ޓީމުތައް އެނގިގެންދާނީ އަންނަ ހޯމަ ދުވަހު އީގަލްސް އާއި ކުލަބު ވެލެންސިއާ ބައްދަލުކުރާ މެޗަށްފަހުއެވެ.