ޚަބަރު

އޭރިއާ ކޮމާންޑްތައް ވަރުގަދަކުރައްވައި، ޤައުމީ ދިފާޢީ ބާރުގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރައްވަނީ


ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އޭރިއާ ކޮމާންޑްތައް ވަރުގަދަކުރައްވައި، ސިފައިންގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރެއްވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ. ޝަމާލު ވިދާޅުވީ، އަމާޒަކީ އެންމެ ދުރުގައި އޮންނަ ރަށަށްވެސް، އޭރިއާ ކޮމާންޑްތައް މެދުވެރިކުރައްވައި 30 މިނެޓުގެ ތެރޭގައި ސިފައިންގެ ޚިދުމަތް ފޯރުކޮށްދެއްވުން ކަމަށެވެ.

ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 131 ވަނަ ސިފައިންގެ ދުވަހާ ގުޅުވައިގެން ޕީ.އެސް.އެމްގެ ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދިން ޚާއްޞަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވިދާޅުވީ، ދިވެހިރާއްޖެއަކީ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމެއްކަމުން، ރާއްޖޭގެ ސަލާމަތްތެރިކަމާއި ދިފާޢަކީ އޭގެ ޒާތުގައި ވަރަށް ގިނަ ގޮންޖެހުންތައް ހުރި ކަމެއްކަމަށެވެ. އަދި ކަނޑުމަތީގައި ހިނގާ އެކި ކަހަލަ ނޭދެވޭ ނުކިއްސަރު އޮއިވަރުތަކަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުންފުޅަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޤައުމީ ދިފާޢީ ބާރުގެ ޖުރިސްޓިކްޝަން ފުޅާކުރެއްވުންކަން ޝަމާލު ފާހަގަކުރެއްވިއެވެ.

ޤައުމީ ދިފާޢީ ބާރުގައި މިހާރު ޤާއިމުކުރައްވައިފައިވާ 4 އޭރިއާ ކޮމާންޑް މެދުވެރިކޮށް ސިފައިންގެ އޮޕަރޭޝަނަލް ސްޕެކްޓްރަމްގައި ހިމެނޭ ސަލާމާތީ އޮޕަރޭޝަންތަކުން ފެށިގެންގޮސް ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުން ހިމެނޭހެން ހުރިހާ ޚިދުމަތްތަކެއް ދެެއްވޭވަރަށް އޭރިއާ ކޮމާންޑްތަކުގެ ޤާބިލުކަން އިތުރުކުރައްވައިި ވަރުގަދަކުރެއްވުމަކީ އަމާޒެއްކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި އެކަމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލައްވައި ތަންފީޒުކުރައްވަމުން ގެންދަވާކަން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ.

"މިހާރު އޮތީ ވަރަށް ރަނގަޅު ޕްލޭނެއް ހެދި އެއަށް މަސައްކަތްކުރެވެމުން ދަނީ. އޭގެ ތެރޭގައި އޭރިއާ ކޮމާންޑެއް އޮވެފައި، އަދި އޭގެ އިތުރުންވެސް އެކި ރަށްރަށުގައި މިހާރު ބައެއް ރަށްރަށުގައި އެބަހުރި ފަޔަރ ސްޓޭޝަންތައް، އަނެއް ބައި ރަށްރަށުގައި އެބައޮތް ސީ-އެމްބިއުލާންސްގެ ޚިދުމަތް. އަނެއްބައި ރަށްރަށުގައި މި ހުރިހާކަމެއް. މިސާލަކަށް އެއަރޕޯޓުތަކުގައި އެބަތިބޭ ސިފައިން. މިހެން ތިބޭއިރުގައި މިހާރަށްވުރެ ބޮޑަށް ސްޓްރީމްލައިން ކުރެވިގެން ސްޓްރަކްޗަރޑް ގޮތަކަށް ޕްލޭންކުރެވިގެން އެންމެ ރަނގަޅުގޮތުގައި އޭގެ ތެރޭގައި ގާތްގަނޑަކަށް އެންމެ ދުރުގައި އޮންނަ ރަށަށްވެސް 30 މިނެޓުގެ ތެރޭގައި ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތް ރީޗްކުރެވޭ ވަރަށް، ޚިދުމަތް ދެވޭވަރަށް ތައްޔާރުވަމުން އަޅުގަނޑުމެން މި ގެންދަނީ" ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވިދާޅުވިއެވެ.

ޤައުމީ ދިފާއީ ބާރުގެ އޭރިއާ ކޮމާންޑްތައް ވަރުގަދަކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން ނޮދަން އޭރިއާ ކޮމާންޑުގެ ހެޑް ކުއަރޓަރސްގެ ގޮތުގައި ޅ. މާފިލާފުށީގައި ޤާއިމުކުރައްވައިފައިވާ މަރުކަޒު، ހދ. ހަނިމާދުއަށް ބަދަލުކުރެއްވުމަށް ކުރަައްވާ މަސައްކަތްތަކުގެ ތަފްޞީލުވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު މި ޕްރޮގްރާމުގައި ޙިއްޞާކުރެއްވިއެވެ. މި ބަދަލު ގެންނަވަން ނިންމެވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމާއެކީ އެ ސަރަޙައްދަށް އަންނާނެ ބަދަލުތަކަށް ބެއްލެވުމަށްފަހުކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، ހަނިމާދޫގައި ޤާއިމުކުރައްވާ ނޮދަން އޭރިއާ ކޮމާންޑުގެ އައު ހެޑްކުއަރޓަރޒް ޤާއިމުކުރެއްވުމަށް 4 ލައްކައެއްހާ އަކަފޫޓުގެ ބިމެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަރުކަޒުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑަރ އިން ޗީފް ވަރަށް އަވަހަށް އަޅުއްވައިދެއްވާނެކަމަށް ޝަމާލް ވިދާޅުވިއެވެ.

"މިހާރު އޭގެ ބަޖެޓް ސެކުއަރކުރެވި، އެތަން ހުންނާނެގޮތާއި މި ދެންނެވީ އެތަނުގައި ހުންނާނެ ފެސިލިޓީޒްއާއި ހުރިހާކަމެއް ހަމަޖެހިފައި، ރޭވިފައި ޑިޒައިންކުރެވިފައި އޮތީ. ހަމައެއާއެކީގައި ނޮދަން ކޮމާންޑް ދާއިމީކޮށް ހަމަޖެހިގެން އަންނައިރުގައިވެސް މިހާރު ހަނިމާދޫ ސްކޫލުގައި ވަގުތީ މަރުކަޒެއްގައި އަޅުގަނޑުމެން ސެޓަޕްކޮށްފައި މިއޮތީ ނޮދަން އޭރިއާ ކޮމާންޑުގެ ހެޑްކުއަރޓަރސް. އެހެންވީމަ މިއީ ވަރަށް ބޮޑު ބަދަލެއް. ޅ. އަތޮޅުން ހދ. ހަނިމާދޫއާއި ހަމައަށް އަޅުގަނޑުމެންގެ ނޮދަން އޭރިއާ ކޮމާންޑް އެއަރޕޯޓް ޑިވެލޮޕްވެގެން އަންނައިރުގައި ސިފައިން މިހާރަށްވުރެ ވަރުގަދަކޮށް ޚިދުމަތް ފުޅާކޮށްދެވޭނެގޮތަށް ޤާއިމުވެގެން އަންނާނެ" ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ ޚިދުމަތް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރެއްވުމަށް ބޭނުންވާ ވަޞީލަތްތައް ހޯއްދެވުމަށް، ފާއިތުވި 4 އަހަރުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވިދާޅުވިއެވެ.

އެގޮތުން ކޯސްޓްގާރޑް ޝިޕް "ހުރަވީ" އަށްވުރެ ބޮޑު އުޅަނދެއް ފްލީޓަށް އިތުރުކުރެވިފައިވާ ކަމަށާއި، އެ އުޅަނދަށް ބޭނުންވާ މީހުން ތަމްރީންކުރައްވައި، ވަރަށް އަވަހަށް އުޅަނދު ކޮމިޝަން ކުރެވޭނެ ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި ފަޔަރ ބޯޓެއްވެސް ފްލީޓަށް އިތުރުކުރެވިފައިވާ ކަމަށާއި، ސަރުކާރުން ހޯއްދަވައިދެއްވާ ވަޞީލަތްތަކާއި، ބޭރުގެ އެހީގައި ލިބޭ ވަޞީލަތްތަކާއެކު މި ޚިދުމަތް އިތުރަށް ފުޅާކުރެވޭނެކަން ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ފާހަގަކުރެއްވިއެވެ.