ފިތުރު ޢީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ އެމްޓީސީސީ ޢީދު ބައިބަލާ ޗެލެންޖް 1444 ފަށައިފިއެވެ.
މި އަހަރުގެ ބައިބަލާ ޗެލެންޖްގައި 34 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ނޮކްއައުޓް އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެރޭ ބައްދަލުކުރީ އެސްޑީޒެޑް ޖޫނިއާސް އާއި މީޓް ދަ އީގަލްސްއެވެ. ގަދަ ހިފުމަށް ގޮސް މި މެޗު ކާމިޔާބުކުރީ އެސްޑީޒެޑް ޖޫނިއާސްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ އަޙްމަދު މުއާޒެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ސީދާ ދެ ގޭމުން ކުޑަހެންވޭރު ޔުނައިޓެޑް އަތުން ކުލަބު ކާސިންޖީން މޮޅުވިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކީ ކާސިންޖީގެ އަލީ ވިޖުހާނެވެ. މި މުބާރާތުގައި ކުޅެވިގެންދިޔަ ތިންވަނަ މެޗުވެސް ގަދަ ހިފުމަކަށް ދިޔައިރު، ޖޭކޭ ސްޕޯޓްސް ކުލަބު އަތުން މޮޅުވީ ކުލަބު އެސްޑީޒެޑެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކީ އެސްޑީޒެޑުގެ ހަސަން ސަމާހެވެ.
ބައިބަލާ ޗެލެންޖުގެ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އޯވަންއޯ ވަނީ ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސީދާ ދެ ގޭމުން ލޮރެންޒޯ ޕާކް ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އޯވަންއޯގެ ސަމީމް މަސްއޫދެވެ.
މީގެ އިތުރުން ވިއެނާ ސްޕޯޓްސް ކުލަބުން ސީދާ ދެ ގޭމުން ލޮރެންޒޯ ހޭނެސް ބަލިކުރިއިރު، އެންމެ ފަހުގެ ރަނަރަޕް ކުލަބު ޓީނޭޖުން ވަނީ ޓީނޭޖް ޖޫނިއާސް އަތުން ސީދާ ދެ ގޭމުން މޮޅުވެފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކީ މުޙައްމަދު ލުފްޝާނެވެ. އަދި ހޮނިހިރު ދުވަހުގެރޭ ކުޅުނު ފަހު މެޗުވެސް ގަދަހިފުމަކަށް ދިޔައިރު، ބީޖީ ނެކްސްޓް ޖެނެރޭޝަން އަތުން މޮޅުވީ ބްރަދާހޫޑް ސްޕޯޓްސް ކުލަބެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ބްރަދާހޫޑުގެ ޖަޒްލާން ޖަމީލެވެ.