ކުޅިވަރު

ފޮރެސްޓް އަތުން ލިވަޕޫލަށް މުހިންމު މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗް އެޓީމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. ނަމަވެސް ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން އަންނަ ފޮރެސްޓުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާ ލިވަޕޫލް ހާސްކަމުގެ ތެރޭގައި ބަހައްޓާފައެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ހާފް ލިވަޕޫލަށް ނިންމާލަން ޖެހުނީ ފޮރެސްޓްގެ ޑިފެންސް ފޫއަޅުވާނުލެވި އެވެ.

އެކަމަކު ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިއޮގޯ ޖޮޓާއެވެ. ނަމަވެސް މިލަނޑު ޖެހިތާ ފަސް މިނެޓްފަހުން ނީކޯ ވިލިއަމްސް ވަނީ ލަނޑެއް ޖަހާ ފޮރެސްޓަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިމެޗްގައި ލިވަޕޫލުން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗްގެ 55 ވަނަ މިނެޓްގައި ޖޮޓާ ކާމިޔާބުކޮށްދިން އިތުރު ލަނޑަކާއެކުއެވެ. އެކަމަކު ފޮރެސްޓްއިން ވަނީ 67 ވަނަ މިނެޓްގައި އަނެއްކާވެސް ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޯގަން ގިބްސް ވައިޓެވެ.

މިމެޗްގައި ލިވަޕޫލުން ތިންވަނަ ފަހަރަށް ލީޑު ނެގީ މެޗްގެ 70 ވަނަ މިނެޓްގައި މުހަންމަދު ސަލާހް ޖަހާދިން ލަނޑާއެކުއެވެ. މިއީ މިސީޒަންގައި ލީގުގައި އޭނާ ކާމިޔާބުކުރި 16 ވަނަ ލަނޑެވެ.

މިކާމިޔާބީއާއެކު ލިވަޕޫލް މިހާރު އުޅެނީ ކުޅުނު 31 މެޗުން ލިބިފައިވާ 50 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެވެ. އަދި ހަތަރުވަނައިގާ އުޅޭ ނިއުކާސްލް ޔުނައިޓެޑާއި ދެމެދު ފަސް ޕޮއިންޓްގެ ތަފާތު އެބަހުއްޓެވެ. އަދި މިމެޗުން ބަލިވުމުން ފޮރެސްޓް އުޅެނީ 27 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.