ދަރިމައިނުވުމުގެ މައްސަލަތައް ދިމާވެފައިވާ މީހުންނަށް ފަރުވާ ލިބޭނެ ގޮތް ފަސޭހަ ކޮށްދިނުމަށް، އެ ފަރުވާ އާސަންދައިގެ ނިޒާމުގެ ތެރޭގައި ހިމެނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޤަރާރު ކޮމެޓީން ފާސްކޮށްފިއެވެ.
މަޖިލީހަށް މި ޤަރާރު ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ. މިޤަރާރުގައި ވިދާޅުވެފައިވަނީ ބޭސްފަރުވާގެ ޚިދުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ހިލޭ ލިބެންޖެހޭ ޚިދުމަތެއްކަމަށް ކަނޑައަޅައި އިޖުތިމާއީ ޞިއްޚީ އިންޝުއަރެންސްގެ ޤައުމީ ނިޒާމެއް ޤާއިމްކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މިނިޒާމުގެ ތެރެއިން ބޭސްފަރުވާގެ ބައެއް ކަންކަން ނުކުރެވޭ ގޮތަށް އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
ޚާއްޞަކޮށް ދަރިމައިވުމުގެ މައްސަލަ ދިމާވެފައިވާ ފަރާތްތަކަށް ބޭނުންވާ އެންމެ އަސާސީ ބޭސް ވެސް ރާއްޖެއިން ލިބެން ނުހުންނަކަމީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވެފައިވެއެވެ. މި މައްސަލައަކީ މުޖުތަމައުގައި އޮތް ބޮޑު މައްސަލައަކަށްވާއިރު މިއަދާއި ހަމައަށްވެސް މިކަމަށް އެކަށީގެންވާ ދިރާސާއެއް ހެދިފައި ނުވާކަމީވެސް ކަންބޮޑުވުމެއް ކަމަށް މީކާއިލްގެ މައްސަލާގައިވެއެވެ.
އިޖުތިމާއީ ކޮމިޓީން މި ބިލު ދިރާސާކުރައްވައި އެކުލަވާލައްވާފައިވާ ރިޕޯޓުގައި ޤަރާރާ ގުޅިގެން ތިން ކަމެއް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ދަރިމައިވާ ރޭޓު ދަށްވުމުގައި އިންފާޓިލިޓީއާ ގުޅުމެއް ހުރިތޯ ބެލުމަށް ދިރާސާއެއް ހެދުމަށް ކޮމިޓީން އިސްނެންގެވުމަށް ވަނީ ހިމަނުއްވާފައެވެ.
އަދި ހުސްނުވާ އާސަންދައިގެ ތެރޭގައި މިކަމަށް ކުރަންޖެހޭ ފަރުވާތައް ހިމަނަން ޖެހޭކަމަށާއި އެކަމަށްޓަކައި ޤަވާޢިދުތަށް އިޞްލާޙުކުރަންޖެހޭ ކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރަށް ދަރިމައިނުވުމުގެ މައްސަލަތަކަށް ސަރުކާރުގެ ހޮސްޕިޓަލްތަކުން ފަރުވާލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ވަނީ ހިމަނުއްވާފައެވެ.
ރައްޔިތުންގެ މަޖިލީހަށް ހެލްތު މިނިސްޓްރީން ޙިއްޞާކުރައްވައިފައިވާ މަޢުލޫމާތަށް ބަލާއިރު ޓޯޓަލް ފަރޓިލިޓީ ރޭޓް 2009 ވަނަ އަހަރު 2.5 ހުރިއިރު 2016 އަދި 2017 ވަނަ އަހަރުގައި މިރޭޓްވަނީ 2.1 ދަށްވެފައެވެ. އަދި މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސަރވޭގައި ބައިވެރިވި 15 އަހަރާއި 49 އަހަރުގެ އަންހެނުންގެ ތެރެއިން %2.1 މީހުންނަކީ ދަރިމައިނުވެވޭ ކަމަށް ބުނެފައިވާ މީހުންނެވެ. މީގެ އިތުރަށް ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާދިނުމަށް ޕްރައިވެޓް ސެކްޓަރުން ތައްޔާރުވަމުންދާކަން ފާހަގަކުރައްވައި ހެލްތު މިނިސްޓްރީން ވަނީ ޚިދުމަތުގެ އަގުތައް ކަނޑައެޅުމުގައި ރާއްޖެއިން ބޭރުން ޚިދުމަތްދޭ އަގަށްވުރެ ކުޑަކޮށް އަގު ކަނޑައެޅުއްވުމަށް އިލްތިމާސްކުރައްވާފައެވެ.
ދަރިމައިވުމުގެ މައްސަލަ ކުރިމަތިވާ އާބާދީ ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަކީ މިހާރު ރާއްޖެއިން ފަރުވާދެވެން ނެތް ކަމެކެވެ. އަދި ދަރިމައިވުމުގެ މައްސަލަތައް ހުންނަ ގިނަ އަދަދެއްގެ ދިވެހިން މި ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށްދާކަން އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކައެވެ.