ކުޅިވަރު

ރިސޯޓް ލީގުގެ ޗެމްޕިއަނުންގެ މެދުގައި "ރިސޯޓް ސުޕަ ލީގު" ބާއްވަނީ


ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިޔަށްދާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގުގެ އެކި ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި ފުރަތަމަ ފަހަރަށް "ރިސޯޓް ސުޕަ ލީގު" ގެ ނަމުގައި މުބާރާތެއް ބާއްވަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

ރިސޯޓް ލީގަކީ 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. ފޯރިގަދަ މި މުބާރާތް އަހަރަކަށް ފަހު އަހަރެއް ފޯރިގަދަވަމުން އަންނައިރު މިދިޔަ އަހަރުގެ މުބާރާތުގައި 52 ޓީމާއެކު ޖުމްލަ 101 މެޗު ވަނީ ކުޅެފައެވެ.

މުބާރާތް އިތުރަށް ފޯރިގަދަކުރުމުގެ ގޮތުން ރިސޯޓް ލީގުގެ އޮގަނައިޒިން ޓީމުން ވަނީ މިއަހަރުގެ މުބާރާތުގެ އެކި ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި މުބާރާތެއް ބާއްވަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން މުބާރާތް ކުރިޔަށްދާއިރު، މިއަހަރު މި ލީގުގެ ކުޅުން ކުރިޔަށްދާނީ އަށް ޒޯނަކަށް ބަހާލައިގެންނެވެ. އެހެންކަމުން 8 ޗެމްޕިއަނުން މި މުބާރާތުގައި ވާދަކުރާނެއެވެ. މި މުބާރާތް ކުރިޔަށްދާނީ ރިސޯޓް ލީގުގެ ހުރިހާ ޒޯނެއްގެ ކުޅުން ނިމުމުންނެވެ.

މިއަހަރުގެ މުބާރާތް އެންމެ ފުރަތަމަ މުބާރާތް ފަށާނީ ނޯތު މާލޭ ޒޯނުންނެވެ. މި ޒޯނުގެ ކުޅުން މިދިޔަ އަހަރު ބޭއްވީ ވަން އެންޑް އޮންލީ ރީތިރަށުގައެވެ. ނޯތު މާލޭ ޒޯނަށްފަހު 2 ޖޫންގައި ފެށުމަށް ނިންމާފައިވަނީ ސައުތު އަރި ޒޯނުގެ ކުޅުމެވެ. މި ޒޯނުގެ ކުޅުން މިދިޔަ އަހަރު ބޭއްވީ ކޮންރެޑް މޯލްޑިވްސްގައެވެ. އެއަށްފަހު 12 ޖޫންގައި ދާލު ޒޯނަށްފަހު 4 އޯގަސްޓުގައި ފަށާނީ ބާ ޒޯނުގެ ކުޅުމެވެ. އަދި 27 އޯގަސްޓުގައި ރާ ޒޯނުގެ ކުޅުން ފަށާއިރު، 14 ސެޕްޓެމްބަރުގައި ޅަވިޔަނި ޒޯނުގެ ކުޅުން ފަށާނެއެވެ. އަދި އެންމެ ފަހު ޒޯނުގެ ގޮތުގައި ކުރިޔަށްދާނީ ސައުތު މާލޭ ޒޯނުގެ ކުޅުމެވެ. މި ޒޯނުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 28 ސެޕްޓެމްބަރުގައެވެ.

މުޅި ރާއްޖެ އެކި ޒޯނުތަކަށް ބަހާލައިގެން ބާއްވަމުން އަންނަ ރިސޯޓު ލީގުގެ ދާލު ޒޯނުގެ އެންމެ ފަހުގެ ޗެމްޕިއަންކަން ކަނޑިންމަ މޯލްޑިވްސް ހޯދިއިރު ސައުތު އަރި ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލޭންޑެވެ. ސައުތު މާލޭ ޒޯނުގެ ޗެމްޕިއަންކަން އޮޒެން ރިޒާވް ބޮލިފުށި ހޯދިއިރު ނޯތު މާލޭ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބަރޮސް މޯލްޑިވްސް އެވެ.

މީގެއިތުރުން ނޫނު އަތޮޅަށް ހާއްސަކޮށް ބޭއްވި ނޫނު ޒޯނުގެ ޗެމްޕިއަންކަން ސޮނޭވާ ޖާނީ ހޯދިއިރު ބާ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ނޮޓިލަސް މޯލްޑިވްސް އެވެ. އަދި ރ. އަތޮޅު ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޖޯލި ބީން އެވެ.