ކުޅިވަރު

ޑެންވާ ނަގެޓްސް އާއި ފީނިކްސް ސަންސް ދެވަނަ ބުރަށް


އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގެ ޕްލޭއޮފްސް ދެވަނަ ބުރުން ވެސްޓަން ކޮންފަރެންސްގެ ޑެންވާ ނަގެޓްސް އާއި ފީނިކްސް ސަންސް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ޕްލޭ އޮފްގެ ދެވަނަ ބުރުން ވެސްޓަން ކޮންފަރެންސްގައި އެއްވަނައަށް ސީޑް ކުރެވިފައިވާ ނަގެޓްސް ޖާގަހޯދީ އަށްވަނައަށް ސީޑް ކުރެވިފައިވާ މިނެސޯޓާ ޓިމްބަރވުލްވްސް އާއި ބައްދަލުކުރި ފުރަތަމަ ބުރުގެ ސީރީޒް ހަތަރު މެޗް އެއް މެޗުން ކާމިޔާބުކޮށްގެންނެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފަސްވަނަ މެޗް ނަގެޓްސް ކާމިޔާބުކުރީ 112 ޕޮއިންޓް 109 ޕޮއިންޓުންނެވެ. ޑެންވަރގެ ބޯލް އެރީނާގައި ކުޅުނު މިމެޗްގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 28 ޕޮއިންޓް ހޯދާދީ 17 ރީބައުންޑް ނަގާދީ 12 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ. އަދި ޓިމްބަރވުލްވްސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދި 7 އެސިސްޓް ދިން އެންތަނީ އެޑްވާރޑްއެވެ. މިކާމިޔާބީއާއެކު ދެވަނަ ބުރުގައި ނަގެޓްސް ބައްދަލުކުރާނީ އެކޮންފަރެންސްގައި ހަތަރުވަނައަށް ސީޑް ކުރެވިފައިވާ ސަންސްއާއެވެ.

މިމުބާރާތުގެ ދެވަނަ ބުރުން ސަންސް ޖާގަހޯދީ ފަސްވަނައަށް ސީޑް ކުރެވިފައިވާ ލޮސް އެންޖަލިސް ކްލިޕަރސް އާއި ބައްދަލުކުރި ސީރީޒް ހަތަރު މެޗް އެއް މެޗުން ކާމިޔާބުކޮށްގެންނެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފަސްވަނަ މެޗް ފީނިކްސްގެ ފުޓްޕްރިންޓް ސެންޓަރގައި ކުޅެ ސަންސް ކާމިޔާބުކުރީ 136 ޕޮއިންޓް 130 ޕޮއިންޓުންނެވެ. މިމެޗްގައި ސަންސްގެ ޑެވިން ބޫކަރވަނީ 47 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 10 އެސިސްޓް ކޮށްފައެވެ. އަދި ކްލިޕަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ 3 އެސިސްޓް ދިން މޭސަން ޕްލަމްލީއެވެ.

މިމުބާރާތުގެ އީސްޓަން ކޮންފަރެންސްގައި ދެވަނައަށް ސީޑް ކުރެވިފައިވާ ބޮސްޓަން ސެލްޓިކްސް އާއި ހަތްވަނައަށް ސީޑް ކުރެވިފައިވާ އެޓްލާންޓާ ހޯކްސްގެ މެދުގައި ކުޅުނު ފަސްވަނަ މެޗް ރަށުން ބޭރުގައި ކާމިޔާބުކޮށް ހޯކްސް މިވަނީ ސެލްޓިކްސް އާއި ދެމެދުގައިވާ ފަރަގު ތިން މެޗް ދެމެޗަށް ހަދާފައެވެ. ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު ފަސްވަނަ މެޗް ހޯކްސް ކާމިޔާބުކުރީ 119 ޕޮއިންޓް 117 ޕޮއިންޓްގެ ކުޑަ ތަފާތަކުންނެވެ. މިމެޗްގައި ހޯކްސްގެ ޓްރެއި ޔަންގް ވަނީ 38 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދި 13 އެސިސްޓް ކޮށްފައެވެ. އަދި ސެލްޓިކްސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 35 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 5 އެސިސްޓް ދިން ޖޭލެން ބްރައުންއެވެ. މިކާމިޔާބީ އާއެކު ހޯކްސްއިން މިވަނީ މިސީރީޒް ހަވަނަ މެޗަކަށް ގެންގޮސްފައެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ އެޓްލާންޓާގެ ސްޓޭޓް ފާރމް އެރީނާގައި ކަމުން މިސިރީޒް ހަމަހަމަ ކޮށް ހަތްވަނަ މެޗަކަށް ގެންދިއުމުގެ ފުރުސަތު ހޯކްސްއަށް އެބައޮތެވެ. މިމެޗް ސެލްޓިކްސް ކާމިޔާބުކޮށްފިނަމަ އެޓީމް ދެވަނަ ބުރަށް ދާނެއެވެ.